ނޫސްވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމުދަނީއެއް ހޯދަން އޮތް ދަތިކަންކަމުގައި ފާހަގަކުރައްވައި، ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުމަށް މި ސަރުކާރުން ނަގާފައިވާ އިސްނެންގެވުން، ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހަކާއެކު ހަގީގަތަކަށް ހައްދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.
ރައީސުލްހޫރިއްޔާގެ ހިތާބުގައި އެމަނިކުފާނު ވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް ނޫސްވެރިންނަށް ފޮނުއްވައި ނޫސްވެރީންގެ އަގުހުރި އަދި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވައި ތައުރީފު ކުރައްވާފައެވެ.
ރައީސުލްހޫރިއްޔާގެ ހިތާބުގައި ގައުމެއްގެ ދެމިއޮތުމާ ކުރިއެރުމުގައި ނޫސްވެރީންގެ ބައިވެރިވުމާ ހިދުމަތް ވަރަށް މުހިންމުކަމުގައި ފާހަގަކުރައްވާފައިވެއެވެ.
އަދި ރެއާދުވާލު ހިނގަމުންދާ ކަންކަމުގެ ޚަބަރު ހޯދައި ފޯރުކޮށްދިނުމާ، މުޖްތަމައު ހޭލުންތެރިކުރުވުމާ، ސަރުކާރާ ރައްޔިތުންނާ ދެމެދު ގުޅުވައިދިނުމާ، ދައުލަތުގެ ކަންކަން ހިނގާ ނުހިނގާގޮތް ރައްޔިތުންނަށް ބުނެދިނުމާ، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގައިވެސް ނޫސްވެރީންގެ ދައުރު އަދާކުރުން ބޭނުންތެރިކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
އެހެންކަމުން ނޫސްވެރިންގެ ހުށަހެޅުންތަކާއި، އުންމީދުތައް ދެނެގަނެ، އެކަންކަން ހަގީގަތަކަށް ހަދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން، ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާ، އެކި ދާއިރާތަކުން ތަޢުލީމާ ތަމްރީނުގެ ފުރުސަތު މީޑިއާތަކަށް އިތުރުކޮށްދިނުމާ، ޚަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމާއަތްތަކާ ދިވެހި ނޫސްވެރީންނާ ގުޅުން ބަދަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.
އަދި ސަރުކާރުގެ އަމާޒަކީ، ޓީވީ، ރޭޑިއޯ، ކަރުދާސް އަދި އިންޓަނެޓާ ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަރަމުން އަންނަ ހުރިހާ ބާވަތެއްގެ ނޫސްވެރިކަމަށްވެސް ފަހި މާޙައުލެއް ރާއްޖޭގައި ދެމެހެއްޓުންކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
