ކޮންބައެއްކަން ނޭނގޭ ގޮތަށް ޚަބަރު ފަތުރާ ފަރާާތްތަކަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ހަލީލު ފާޑު ވިދާޅުވެއްޖެއެވެ.

ރަޖިސްޓްރީ ނުކޮށް، ނޫސްތަކުގެ ގޮތުގައި ހިންގާ ބައެއް ވެބްސައިޓުތަކުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. މި ފަދަ ސައިޓުތަކުން ފަތުރާފައިވާ ގިނަ ޚަބަރުތައް ސަރުކާރުން ދޮގު ވެސް ކޮށްފައިވެއެވެ.

މިނިސްޓަރު ހަލީލު ޕީއެސްއެމްގައި ވިދާޅުވީ، ކާކު ނޭނގޭ ގޮތަށް ހިންގާ ބައެއް ސައިޓުތަކުން ބުހުތާނު ދޮގު ޚަބަރުތައް ފަތުރަމުންދާއިރު، ބޭނުން އެއްޗެއް ޝާއިއުކޮށް، ބޭނުން އެއްޗެއް ކިޔުމަށް މިއަދު ޓީވީ ސްޓޭޝަންތަކަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

”އޭގެ ދޮގެއް ތެދެއް ވަކި ކުރާކަށް ނޭނގެ. ކަނޑައެޅިގެން ބުހުތާނު ދޮގު ލިޔެގެންވެސް އެއޮށް ގެންދަނީ.“ ހަލީލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފާޅުގައި ޚަބަރު ޝާއިއު ކުރެވެން އޮތްއިރު، ފިލާ ތިބެ އެކަން ކުރުމަކީ ”ރަނޑު“ ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ކެރިގެން ނުކުމެ، ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުން ހިންގާ ކަންތައްތަކަށް ވެސް ފާޑު ކިޔަންވީ ކަމަށެވެ.