އެވޯޑް ލިބުނު ކެޓަގަރީތަކަކީ:
- އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2024
- އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2024
- އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2024
- އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2024
މިއަދުގެ ވަގުތެއްގައި އޭޓީއެމް 2024 ގެ ވޯލްޑް ޓްރެވަލް އެވޯޑްސް ވިނާސް ހަބްގައި ބޭއްވި މި ހަރަކާތް ޝަރަފުވެރި ކޮށްދެއްވާފައިވަނީ ރާއްޖޭގެ އިއްޒަތްތެރި ފަރާތްތަކުންނެވެ.
މިނިސްޓަރ އޮފް ޓޫރިޒަމް، އިބްރާހީމް ”އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2024“ ގެ އެވޯޑާއި ހަވާލުވެލައްވާފައިވާއިރު، ”އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2024“ ގެ އެވޯޑާ ރާއްޖޭގެ ފަރާތުން ހަވާލުވެލައްވާފައިވަނީ އެމްއެމްޕީއާރްސީ ބޯޑުގެ ޗެއަރޕަރސަން، އައިޝާ ނޫރައިން ޖަނާޙެވެ.
އެމްއެމްޕީއާރްސީގެ ޗީފް އެގްޒެކްޓިވް އޮފިސަރ، އަލްފާޟިލާ ފާޠިމަތު ތައުފީޤް, ބައްލަވައިގަނެފައިވަނީ ”އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2024“ ގެ އެވޯޑެވެ.
މީގެއިތުރުން، ”އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2024“ ގެ އެވޯޑްއާއި ހަވާލުވެލެއްވީ ޓޫރިޒަމް ޑިވެލޮޕްމަންޓާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފައިވާ އެޑްވައިޒަރު މުހައްމަދު ޚަލީލްއެވެ.
މި އެވޯޑްތަކުގެ ސަބަބުން ފަތުރުވެރިކަމުގެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި އެއްވެސް ބަދަލެއްނެތި ރާއްޖެ އޮތްކަން ހާމަކޮށްދިނުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހަނދާން ނައްތާނުލެވޭނެ ފަދަ ތަޖުރިބާތައް ފޯރުކޮށްދިނުމާއި، އަދި، އެމްއެމްޕީއާރްސީ އިން މެދުކެނޑުމެއްނެތި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމުގައި ކުރަމުންގެންދާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
2003 ވަނަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑްސްގައި އިންޑިއަން އޯޝަން ކެޓަގަރީ ތައާރަފްކުރި ފަހުން ދިވެހިރާއްޖެއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވެއެވެ.
މީގެ ކުރިން، ދިވެހިރާއްޖެއިން ލީޑިން ޑެސްޓިނޭޝަން 17 ފަހަރު، ލީޑިން ހަނީމޫން ޑެސްޓިނޭޝަން 6 ފަހަރު، އަދި ލީޑިން ޑައިވް ޑެސްޓިނޭޝަން ވަނީ 9 ފަހަރު ކާމިޔާބު ކޮށްފައެވެ.
