ސިޔާސީ މަސައްކަތުގައި އާއިލާގެ ތެރެއިން އެންމެ ބޮޑު އެހީއެއް ލިބިވަޑައިގަންނަވަނީ، ދަރިކަލުން، އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްގެ ފަރާތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާގެ އިންތިޚާބީ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އެޑްވައިޒަރު، އަދި ޕީއެންސީގެ ޗެއާޕާސަންގެ މަޤާމުގައި ވެސް ހުންނެވި އަބްދުއްރަޙީމް ވަނީ، ސިޔާސީ ކަންކަމުގައި، ޢާއިލާގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.

އެގޮތުން ދަރީންނާއި، އަނބިކަނބަލުންގެ ފަރާތުން ވެސް އެއްބާރުލުން ލިބިވަޑައިގަންނަވާ ކަމުގައި ވިދާޅުވެ، ސިޔާސީ ކަންކަމުގައި އުޅުއްވާ ފައިސަލްގެ އެހީތެރިކަން ޚާއްޞަގޮތެއްގައި ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުގެ ސިޔާސީ ކަންކަމުގައި ހުރިހާ އެންމެން (އާއިލާގެ) ބައިވެރިވާނެ، ހާއްސަ ގޮތެއްގައި، ފައިސަލް އަކީ ސިޔާސީ މީހެއް ވީމަ، ފައިސަލްގެ މަސައްކަތް، އިތުރުވާނެ. ދެން އަނެއްކާ އޭނާގެ އުފަލެއް އެއީ ބައްޕައަށް އިތުރު ކާމިޔާބީ ލިބުން، ހުރިހާ ކުދިންނަށް ވެސް އުފަލެއް.“ އަބްދުއްރަޙީމް ވިދާޅުވިއެވެ.

 

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ހޮވަން ޕީއެންސީން ނިންމާފައިވާއިރު، މިއީ ބައްޕަ، ތާރީޚުން ހޯއްދެވި ފިސާރި ވަރުގަދަ ޖާގައެއް ކަމަށް ފައިސަލް ކުރިން ވިދާޅުވެފައިވެއެވެ.