ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ފޮތެއް ލިޔުނު، ލިޔުންތެރިޔާ ސަލްމާން ރުޝުދީ ހޭއަރައި، ވާހަކަ ދައްކަން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 75 އަހަރުގެ ސަލްމާން ރުޝްދީ މިހާރު ވަނީ، އޭނާއަށް ވަޅީގެ ހަމަލާ ދިން ފަރާތްތަކަށް އެކަން ހިނގި ގޮތާ ގުޅޭގޮތުން މައުލޫމާތުވެސް ދެމުންނެވެ. ނަމަވެސް އޭނާ އިންވެސްޓިގޭޓަރުންނާ ހިއްސާ ކުރީ ކޮން މައުލޫމާތެއް ކަމެއް ސާފެއް ނޫނެވެ.
ސަލްމާންގެ ހަށިގަނޑުގެ އެކި ތަނަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ، ނިއުޔޯކުގައި އޭނާގެ ލެކްޗަރެއް ދިނުމަށް ތައްޔާރުވަމުން ދަނިކޮށެވެ.
އޭނާއަށް ދިން ހަމަލާތަކުގެ ސަބަބުން މީގެ ކުރިން އޭނާއަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ.
އިންޑިއާއަށް އުފަން ސަލްމާނަށް ވަޅިން ހަމަލާދިނީ، އުމުރުން 24 އަހަރުގެ ހާދީ މަތަރު ކިޔާ ފިރިހެނެކެވެ. ހަމަލާދިން ވަގުތު، އެ ސަރަހައްދުގައި ތިބި އާއްމުން ވަނީ އޭނާ ހިފަހައްޓާފައެވެ.
