އޭޕްރީލް މަހު ޒަކާތު ފަންޑުން 168 މީހަކަށް ސިއްހީ ކަންކަމުގައި އެހީތެރިވެއްޖެއެވެ.
ޒަކާތު ހައުސް އިން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން ބޭސް ފަރުވާއަށާއި، ޒަރޫރީގެ އެހީގެ ގޮތުގައި އާއި ސްކޮލާޝިޕްތަކަށް ހަރަދުކޮށްފައިވާއިރު، އެ ފަންޑުން އެންމެ ބޮޑު އެހީއެއް ދިނީ ކެންސަރު ޕޭޝަންޓުންނަށެވެ.
އެގޮތުން ކެންސަރު ޕޭޝަންޓުންނަށް 373،175 ރުފިޔާ ދޫކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ފައިސާ ދޫކޮށްފައި ވަނީ ހަށިގަނޑުގެ ބައެއް ފިހިގެން ފަރުވާ ހޯދާ ފަރާތްތަކަށެވެ. އެ ފަރާތްތަކަށް 165،446.25 ރުފިޔާ ހޭދަކޮށްފަައިވެއެވެ.
ތިންވަނައަށް އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ ހިތުގެ އޮޕަރޭޝަންތަކަށެވެ.
އެފަދަ އޮޕަރޭޝަނަށް 106،012.50 ރުފިޔާ ހޭދަކޮށްފައިވާއިރު، ނިއުމޯނިއާއަށް ފަރުވާ ކުރުމަށް 100،000 ރުފިޔާ ދޫކުރިއެވެ.
އަދި ސިކުނޑީގެ އޮޕަރޭޝަންތައް ކުރުމަށް 25،443 ރުފިޔާ ދޫކޮށްފައި ވެއެވެ. މީގެއިތުރުން އެހެނިހެން ބަލިތަކަށް 731،293.50 ރުފިޔާ ދޫކޮށްފައިވެއެވެ.
