ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނުވަނީ މުހިންމު ތިން ކަމެއްގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ޒުވާން ވިޔަފާރިވެރިން ކުރިއަރުވައި، އިންވެސްޓްމަންޓްތަކަށް މަގުފަހި ކޮށްދޭން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދު މުޅި ދުނިޔޭގައިވެސް، ތިމާވެށީގެ ކަންކަން ލަފާކުރަން ނޭނގޭ މިންވަރަށް ހަލުވިކަމާއެކު ބަދަލުވަމުން ދާއިރު، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ނިސްބަތްވާ އަމިއްލަ ވިޔަފާރިތަކަށް ކުރިއަށްވުރެވެސް ބޮޑަށް އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ފާހަކުރެއްވި ދެވަނަކަމަކީ، ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއްނެތި، އެންމެން ޝާމިލްކުރުމަށާއި ބާރުވެރިކުރުވުމަށް އިސްކަން ދިނުމެވެ.
އަދި އުމްރާނީ ތަރައްގީ އިން ފެށިގެން ކާރިސާތަކުގެ ހިރާސް ކުޑަކުރުމާ ހަމައަށްވެސް، ދެ ފަރާތުން ގުޅިގެން، އެއް އަމާޒަކަށް ވާޞިލްވުމަށް، ބަދަހިކަމާއެކު މަސައްކަތްކުރުމަށް މަގުފަހި ކޮށްދޭން ޖެހޭކަންވެސް ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ކަހަލަ، ޖިއޮގްރަފީގޮތުން ދުރުމިނުގައި ރަށްތައް އުފެދިފައި ހުރި ގައުމު ތަކަށް މިކަން ވަރަށް މުހިންމު ކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
އެންމެ ފަހު ކަމަކަށް ރައީސް ވަނީ ދެ ފަރާތުގެ މެދުގައި ގުޅުން ގާއިމުކޮށް ތަޖުރިބާ ހިއްސާ ކުރެވޭނެ މަގުފަހި ކޮށްދިނުމުގެ މުހިއްމުކަމަށް އަލިއަޅުވައިލައްވާފައެވެ.
އެއްވެސް ބައެއްގެ އުޖާލާ އަދި އުއްމީދީ މުސްތަގުބަލަށް އެޅޭ ހުރަހަކަށް، މާލީ އެހީތެރިކަން ލިބުމުގެ ދަތިކަން ވިޔަނުދިނުމަށް، ބޭންކުތަކަށާއި ބައިނަލްއަގްވާމީ އިދާރާތަކަށާއި އެހެނިހެން މާލީ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.
އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ނިސްބަތްވާ އަމިއްލަ ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކުގެ ބޭނުންތަކަށް ވިސްނައިގެން މިހާރަށްވުރެ ފަސޭހަ، އަގުހެޔޮ، އަދި އެކަށޭނަ ގޮތަކަށް ކަންކަން ކުރުމަށް ރާވައި އިސްކަންދީގެން، ޒިންމާދާރުކަމާއި ދުރުވިސްނުމާއެކު މާލީ އެހީތެރިކަމުގެ ދޮރުތައް ހުޅުވާލުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވައިލެއްވީ، އެންޓީގާ އެންޑް ބާބިޔުޑާގެ އެޖެންޑާ ހާސިލު ކުރެވޭނީ، ސިޑްސްގެ ގައުމުތަކުގެ ސަރުކާރުތަކުން އަމިއްލަ ވިޔާފާރިވެރިންނާއި ގުޅިގެން މަސައްކަތް ކޮށް، އެންމެން ޝާމިލުވާގޮތަށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމަށް ކުރާ ވިލުންތެރި މަސައްކަތުގައިވެސް އަމިއްލަ ވިޔަފާރަވެރިން ކުރިއަށް ނެރެގެންކަން ފާހަކުރައްވަމުންނެވެ.
ރައީސް ތަގުރީރުކުރެއްވި މި ރަސްމިއްޔާތަކީ އޮފީސް އޮފް ދަ ހައި ރެޕްރެޒެންޓޭޓިވް ފޮރ ދަ ލީސްޓް ޑިވެލޮޕްޑް ކަންޓްރީޒް، ލޭންޑްލޮކްޑް ޑިވެލޮޕިންގ ކަންޓްރީސް އަދި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (އޯ.އެޗް.އާރް.އެލް.އެލް.އެސް) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
