މާމެލާމެއްޔަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ، އަދި އެއިން ހިތްހަމަޖެހުން ގެނެސްދޭ އެއްޗެކެވެ.
ގުދުރަތީ މާހައުލުން ފެންނަ އެންމެ ހިތްހަމަޖައްސައިދޭ އެކައްޗަކީވެސް މަލެވެ. ދުނިޔޭގައި އެތައްހާސް ބާވަތެއްގެ މާތައް ހުންނައިރު، އޭގެތެރޭގައި ވަރަށް އާދަޔާ ހިލާފު މާތައްވެސް ހުރެއެވެ. އެފަދަ ބައެއް މާތަކާ ގުޅޭ މައުލޫމާތު މި ލިޔުމުގައި ހިއްސާކޮށްލާނަމެވެ.

މިއީ ދުނިޔޭގެ ތަފާތު މާތަކުގެ ތެރޭގައި ހިމެނޭ މަލެކެވެ. ތުންފަތެއް ގޮތައް ސިފަވާ މި މަލަށް ކިޔަނީ ހޫކަރސް ލިޕްސްއެވެ. މީގެ މަލެއް ދުށިން ހެއްޔެވެ؟ ކޮލޮމްބިއާ، ކޮސްޓަރިކާ އަދި ޕަނާމާއިން ފެނުނު މި މަލައް ލިބުނު މަގުބޫލުކަމުގެ ސަބަބުން، މި މާ މިހާރު ވަނީ ދުނިޔެއިން ނެތިގެން ދިޔުމުގެ ބިރު އޮތް މާގަސްތަކުގެ ލިސްޓަށް އަރާފައެވެ.

މަތީގައިވާ ފޮޓޯއިން އެހެރަ ފެންނަ މާތައް ވަރަށް ރީތި ދޯއެވެ؟ އެ މާތައް ސިފަ ކުރެވެނީ ނަށަން ތިބި އަންހެން ކުދިންތަކެއް ގޮތަށެވެ. އެހެންވެ، މި މަލަށް ދީފައިވާ ނަމަކީ ޑާންސިން ގާލްސްއެވެ.

މަތީގައިވާ ފޮޓޯއިން އެ ފެންނަ މަލަށް ކިޔަނީ ”ސްވެޑްލްޑް ބޭބީސް“އެވެ. މިނަން އެ މަލަށް ދެވުނީ ސަބަބެއް ނެތިއެއް ނޫނެވެ. އެ މާ ސިފަވަނީ ތުއްތު ކުއްޖަކު އޮޅާލާފައިވާ ފޮތިގަނޑަކަށްލުމުން ފެންނާނެ ގޮތަށްދޯއެެވެ؟ ކޮލަމްބިއާއިން މި މާ ފެނުނީ 1777ވަނަ އަހަރާއި 1788ވަނަ އަހަރާ ދެމެދުއެވެ. ނަމަވެސް މި މާ ރަސްމީކޮށް އައިޑެންޓިފައިކޮށް، ނަން ދީފައިވަނީ 1798 ވަނަ އަހަރުގައެވެ.

މީގެ ކުރިން ގުރައަކާ ވައްތަރު މަލެއް ފެނުނު ހެއްޔެވެ؟ މަތީގައިވާ ފޮޓޯއިން އެ ފެންނަ މަލަށް ”ޕެރޮޓް ފްލާވަރ“ ކިޔަނީ، އެ މާ ގުރައަކާ ވައްތަރުވުމުންނެވެ. މިއީ ތައިލެންޑުން ފެނުނު މަލެކެވެ.
މި މާ ސިފަ ކުރެވެނީ އުދުހޭ ކޮކަޓޫއެއް ނުވަތަ ގުރައެއް ގޮތަށެވެ. އެންމެ ފުރަތަމަ، މި މަލުގެ ފޮޓޯތައް އިންޓަރނެޓްގައި ދައުރުވާން ފެށުމުން، މިއީ ”ފޮޓޯޝޮޕް“ ކޮށްފައިވާ މާތަކެއް ކަމަށް މީހުން ބުނަމުންދިޔައެވެ.
