ގދ.ފަރެސްމާތޮޑާ އެއާޕޯޓުގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީ ކުރުމަށް އެ އެއާޕޯޓް ހިންގަމުންދާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް)އިން ލިމިޓެޑް އާއި ސިލްވަރ ލޭންޑް ހޮޓެލްސް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ އާރްއޭސީއެލްގެ މައި އޮފީހުގައި ބޭއްވި ރައްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރީޖަނަލް އެއާޕޯޓްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު މުބީންއެވެ. އަދި ސިލްވަރ ލޭންޑް ހޮޓެލްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކުޓް މެނޭޖްމަންޓް ހެޑް އިބްރާހިމް މުހައްމަދެވެ.

ރީޖަނަލް އެއާޕޯޓްސްއިން ބުނީ މި އެއްބަސްވުމުގެ ދަށުން ފަރެސްމާތޮޑާ އެއާޕޯޓާއި އިންވެގެން އޮތް ހުސްބިމުގައި 100 ކޮޓަރި އެކުލެވޭގޮތަށް ސިޓީ ހޮޓަލެއް އަޅާނެ ކަމަށެވެ.

އަދި އެ ސިޓީ ހޮޓަލުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް 200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވިގެން ދިއުމުގެ އިތުރުން އެ ސަރަހައްދުގައި ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ރީޖަނަލްސް އެއާޕޯޓްސްގެ އެމްޑީ މުބީން ވިދާޅުވީ އެ އެއްބަސްވުމުގައިވާ ކަންކަން ފުރިހަމަ ކުރުމައްޓަކައި ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްތަކުން ލިބެންޖެހޭ އެއްބާރުލުން ލިބެމުންދާ ކަމުގައިވާނަމަ ތިން މަސްދުވަސް ތެރޭގައި އެ ޕްރޮޖެޓްގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓްގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 20 މިލިއަން ޑޮލަރެވެ.