ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އުފެއްދުންތެރިކަމާއި ދައުލަތްތަކުގެ ގާބިލުކަން އިތުރުކުރުމަށް ބައިނަލްއަގްވާމީ މާލީ އޮނިގަނޑަށް އިސްލާހުތަކެއް ގެނައުމަށާއި އަމިއްލަ ފަރާތްތަކުން ހޯދާ މާލީ އެހީތެރިކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ވިދާޅުވީ ސިޑްސްއަށް ބޭނުންވާ ވަސީލަތްތައް މޮބިލައިޒްކުރުމާ ބެހޭގޮތުން ބޭއްވެވި މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ދޭދޭ ގައުމުތަކުން ދަރަންޏަށް ފައިސާ ނެގުމުގެ ޚަރަދު ބޮޑުވުމާއި އަތްފޯރާފަށުގައި މާލީއެހީތައް ހޯދުމުގައި ހުރި ދަތިތައް ފާހަގަކުރެއްވިއެވެ.

އަދި ރާއްޖެ ހިމެނޭގޮތަށް އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ޤައުމުތަކުގެ ލިސްޓުން އަރައިގެންފައިވާ އެހެނިހެން ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށްވެސް މިކަމުގެ ތަކުލީފު ބޮޑުކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ކުރިއެރުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ މާލީ އެހީ އިތުރުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމަޢުން ވައުދުވެފައިވީ ނަމަވެސް، ފާއިތުވި ދެ އަހަރު ތެރޭގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބޭރުގެ ވަސީލަތްތައް ލިބޭ މިންވަރު ދަށަށް ގޮސްފައިވާކަމުގެ ކަންބޮޑުވުން ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން ތަރައްގީގެ މަގުގައި ކުރިއަށްދިއުމާއި، ސްކޫލްތައް ބިނާކުރުން ފަދަ އުމްރާނީ ތަރައްގީއަށް މުހިންމު ކަންކަމަށް ކުރަންހުންނަ ހޭދައިގެ ބަދަލުގައި ރަށްރަށުގެ ތޮށިގަނޑުލުން ފަދަ ކަންކަން އިސްކުރަން މަޖުބޫރުވުމަކީ ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާ ކުރިމަތިލާން ޖެހިގެން ވާނެކަމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، މަލްޓިލޭޓަރަލް ޑިވެލޮޕްމަންޓް ބޭންކް (އެމް.ޑީ.ބީ) ތަކާއި އިންޓަރނޭޝަނަލް ފައިނޭންޝިއަލް އިންސްޓިޓިއުޝަން (އައި.އެފް.އައި) ތަކުން ކުދި ޖަޒީރާ ޤައުމުތަކަށް ފަހިވާގޮތަށް ބައެއް އެދެވޭ ބަދަލުތައް ގެނައުމަށް ގޮވާލެއްވިއެވެ.

އެގޮތުން ރައީސް ވަނީ ބައިނަލްއަގްވާމީ ކެޕިޓަލް މާކެޓްތައް މެދުވެރިކޮށް ޕޮޒިޓިވް ކްރެޑިޓް ރޭޓިންގައި ފައިސާ ހޯދޭނެ ގޮތްތައް ފަހިކުރުމާއެކު ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ފާއިތުވި ތިރީހަކަށް އަހަރު ވަޢުދުވެފައިވާގޮތަށް ލުއިފަސޭހަ ގޮތްތަކެއްގައި ލޯނު ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށް ގޮވާލައްވާފައެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ކުދިޖަޒީރާ ގައުމުތަކުގެ ތަރައްޤީގެ ބައިވެރިން އެމް.ޑީ.ބީ ތަކާއި ގުޅިގެން އަދި އަމިއްލަ ފަރާތްތަކާއެކު ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކަށް ފޯރުކޮށްދޭ އެހީގެ މިންވަރު އިތުރުކުރުމަށް ވެސް އެމަނިކުފާނު ހުށަހެޅުއްވިއެވެ. ސިޑްސްގެ ގައުމުތަކުންވެސް ކުރިޔަށް ވިސްނައި، މިހާރަށްވުރެ ބޮޑު ތަސައްވުރެއްގައި ތަރައްޤީގެ ލަނޑުދަނޑިތައް ކަނޑައަޅައި، ތަރައްގީގެ ބައިވެރިންގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދިވެހިރާއްޖެ ތަރައްގީއަށް ކުރާ ދަތުރުގައި ބައިވެރިވެ، ރާއްޖެއަށް ކުރިމަތިވާ އެންމެ ބޮޑެތި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް އެންމެ އެކަށީގެންވާ ޙައްލުތައް ހޯދައިދިނުމަށާއި ރާއްޖޭގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަން ފުރިހަމަ ކުރުމުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ ބައިވެރިވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.