ކޮމަންވެލްތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން، ކުރިއަށް އޮތްތަނުގައި ބަދަހި ވެގެންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ކޮމަންވެލްތުގައި ދިވެހިރާއްޖޭގެ ބައިވެރިވުން އިތުރުވަމުންދާކަން ހާމަކުރެއްވައިފައެވެ.
އަދި ކޮމަންވެލްތުގެ ފަރާތުން ކުޅިވަރާއި ޒުވާނުން ބާރުވެރިކުރުވުމާއި ތަޢުލީމާއި ތިމާވެށްޓާއި ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ހާއްސަގޮތެއްގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ސިޑްސްއިން ނެރެވޭނެ ނަތީޖާއާއި ދައުރުގެ މައްޗަށް އަދި ދައުލަތްތަކުގެ ވަސީލަތްތަކާއި އަމިއްލަ ފޯރުންތެރިކަން އިތުރުކުރުމުގެ މައްޗަށް މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، އެންޓީގާ އެންޑް ބާބިޔުޑާގެ ސިޑްސްގެ އެޖެންޑާ ކުރިއަށް ގެންދިއުމުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ދެބޭފުޅުންގެ ވާހަކަފުޅުގައިވެސް ފާހަގަކުރެއްވިއެވެ.
ކޮމަންވެލްތުގެ ފަރާތުން ސިޑްސްއަށް އެހީވުމުގައި ކޮމަންވެލްތުގެ ދައުރު އިތުރަށް ފުޅާކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެންޓީގާ އެންޑް ބާބިޔުޑާގެ ސިޑްސް4 ގެ އެޖެންޑާގެ ތެރެއިން ޤައުމުތަކުން އެއްބަސްވާ އެކްޝަން ޕްލޭންގައި ކަނޑައެޅޭގޮތަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ބާރުއަޅުއްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ވަނީ ދިވެހިރާއްޖެއިން ކޮމަންވެލްތާއެކު އޮތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.
