މުދައްރިސުން ތަމްރީނު ކުރުމަށްޓަކައި ގައުމީ ފެންވަރުގައި ޕްރޮގްރާމެއް ކުރިއަށްގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިސްވެރިންނާ މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރ މަހުމޫދު ޝައުގީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު އަދި ޔުނިވަރސިޓީތަކުގެ އިސްވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ސާމްޕަލް އައުޓްލައިންތައް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، މި ޕްރޮގްރާމް ވިލަރެސްކޮށް، ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ ބޭފުޅުންގެ ފަންނީ ލަފައާ އެކުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަމްރީނުވެފައި ތިބި ފެންވަރު ރަނގަޅު މުދައްރިސުން ލިބުން ދަތިވުން ކަމަށެވެ.
ފެންވަރު ރަނގަޅު މުދައްރިސުން ހޯދަން ދަތިވާ މައިގަނޑު އެއް ސަބަބު ކަމަށް މިނިސްޓަރ ޑރ. އިސްމާއީލް ފާހަގަކުރެއްވީ އޭ-ލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ތަޢުލީމީ ދާއިރާއަށް ޝައުގުވެރިކަން ހުރި ދަރިވަރުންގެ އަދަދު މަދުވުމެވެ.
އެހެންކަމުން ސްކޫލް ނިންމާ ދަރިވަރުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ މުދައްރިސުން ތަމްރީނުކުރުމުގެ މި ޕްރޮގްރާމްގެ އަމާޒަކީ މުދައްރިސްކަމުގެ ދާއިރާއަށް ވަންނަ ދަރިވަރުންގެ އަދަދު އިތުރުކޮށް، އޭގެ މަންފާ ދިގު މުއްދަތަކަށް ތައުލީމީ ނިޒާމަށް ލިބިގެންދިއުމެވެ.
މުދައްރިސުން ތަމްރީނު ކުރާއިރު، އެންމެ ބޮޑަށް އިސްކަންދިނުމަށް ހަމަޖެހިފައި ވަނީ މުދައްރިސުން ލިބުން ދަތިވާ މާއްދާތަކާއި، ރަށްތަކަށް ހާއްސަ އިސްކަމެއް ދީގެން ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
