ޕީއެސްއެމް ހިންގުމާއި ހަވާލުވެ ވަޑައިގެންނެވިއިރު ކުންފުނީގެ ދަރަނި ހުރީ 261 މިލިއަން ރުފިޔާއަށް ވުރެ މަތީގައި ކަމަށް ޕަބްލިކް ސާރވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވައި މައުލޫމާތު ދެއްވަމުން ޒީނާ ވިދާޅުވީ، ޕީއެސްއެމްގެ ދަރަނީގެ ތަފްސީލަތަކަށް ބަލާއިރު، ސަރުކާރު އިދާރާތަކާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 122 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އަމިއްލަ ކުންފުނިތަކާއި ފަރާތްތަކަށް 27 މިލިއަން ރުފިޔާ، ބޭރުގެ ކުންފުނިތަކަށް 25 މިލިއަން ރުފިޔާ އަދި ލޯނުގެ ގޮތުގައި 87 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށެވެ. ޒީނާ ވިދާޅުވި ގޮތުގައި، ޕީއެސްއެމްގެ ދަރަނި އިންތިހާއަށް ބޮޑުވެފައި އޮތުމަކީ އެ ކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ.

ދަރަނީގެ ތެރެއިން މިހާތަނަށް ނުވަ މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދައްކާފައިވާކަން ޒީނާ ފާހަގަ ކުރެއްވިއެވެ.

ހަރަދު ކުޑަ ކުރުމުގެ ގޮތުން ދުވަހުން ދުވަހަށް ކުރާ ހަރަދުތައް 20 އިންސައްތަ ކުޑަކޮއްފައިވާނެ ކަމަށް ވެސް ޒީނާ ވިދާޅުވިއެވެ. އަދި ބައެއް ބްރޮޑްކާސްޓިން އަދި ލައިސެންސް ފީތައް ނުދައްކާތީ އަރަމުންދިޔަ ޖޫރިމަނާތައް ހުއްޓުވުމަށް ބައެއް ލައިންސެންސްތައް ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.