ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ ބައިނަލްއަގްވާމީ މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށް، އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދިވެހިރާއްޖެއަށް އެނބުރިވަޑައިގަތުމަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި ޓްރާންސިޓްކޮށް ބާބެޑޯސްގައި މަޑުކޮށްލެއްވުމުން، ބާބެޑޯސްގެ ބޮޑުވަޒީރާއި އެ ގައުމުގެ ސަރުކާރުގެ ފަރާތްޕުޅުން ހާއްސަ މެހެމާންދާރީއެއް އަދާކުރައްވައިފިއެވެ.
ރައީސް މުއިއްޒުއަށް ބާބެޑޯސްގެ ގްރާންޓްލޭ އެޑަމްސް އިންޓަނޭޝަނަލް އެއާޕޯޓުން މަރްހަބާ ދެންނެވީ، ބާބެޑޯސްގެ އެކްޓިންގ މިނިސްޓަރ އޮފް ފޮރިންއެފެއާޒް އޮފް ފޮރިން އެންޑް ފޮރިން ޓްރޭޑް އަދި އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރު، އޮނަރަބަލް ސީ. ސަންދްރަވީ ހަޒްބަންޑްސް އާއި، ޗީފް އޮފް ޕްރޮޓޮކޯލް، މިސް ރެސާ ލޭންއެވެ.
ރައީސް އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ދިވެހި ވަފްދުގެ ބޭފުޅުންނަށް އެއާޕޯޓް ސަރަޙައްދުގައި ހުރި ބާބެޑޯސްގެ މުހިންމު ރީތި އަދި ތާރީހީ ތަންތަން ދައްކައިލެއްވުމުގެ ޚާއްޞަ ’ސައިޓްސީން’އެއް އެ ގައުމުގެ ސަރުކާރުން ވަނީ އިންތިޒާމުކޮށްދެއްވައިފައެވެ.
އަދި، ރައީސް މުއިއްޒުއަށް، ބާބެޑޯސްގެ ބޮޑުވަޒީރު، މިއާ އަމޮރް މޮޓްލީ ވަނީ ފޯނުން ގުޅުއްވައި، ޓްރާންސިޓްކޮށް އެ ގައުމުގައި މަޑުކޮށްލެއްވީތީ މަރްހަބާއާއި ޝުކުރު ދަންނަވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި، ބާބެޑޯސްގެ ބޮޑުވަޒީރު، މިއާ އަމޮރް މޮޓްލީ ފޯނުން ދެއްކެވި ވާހަކަފުޅުގައި، އެންޓީގާ އެންޑް ބާބިޔުޑާގައި ނިމިގެން މިދިޔަ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ މަހާސިންތާގެ ކާމިޔާބީތަކަށް އަލިއަޅުވައިލެއްވިއެވެ.
އަދި މޫސުމަށް އަންނަ ބަދަލުތަކުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުން ރައްކައުތެރިވުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ކުދި ޖަޒީރާ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމާމެދުވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ބާބެޑޯސްގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ނިމިގެން މިދިޔަ ’ސިޑްސް‘ ގެ މަހާސިންތާ ގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރައްވައި، ކުޑަވަގުތުކޮޅަކަށް ނަމަވެސް ޓްރާންސިޓްކޮށް ބާބެޑޯސްގައި މަޑުކޮށްލެއްވީތީ ވަރަށް އުފާކުރައްވާކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅު ނިންމަވައިލެއްވީ، ބާބެޑޯސްގައި މި މަޑުކޮށްލެއްވި ކުޑަ ވަގުތުކޮޅު، އެ ޤައުމުގެ ސަރުކާރުން ކަމޭހިއްތަވައި މެހެމާންދާރީ އަދާކުރެއްވި ފުރިހަމަކަމަށްޓަކައި، އެމަނިކުފާނާއި ދިވެހި ވަފުދުގެ ހުރިހާ ބޭފުޅުންގެ ނަމުގައި ތަކުރާރުކޮށް ޝުކުރު އަދާކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ބާބެޑޯސްއިން ފުރާވަޑައިގަންނަވަމުން، އެ ޤައުމުގެ ބޮޑުވަޒީރަށް ފޮނުއްވެވި ޝުކުރުގެ ޚާއްޞަ މެސެޖުގައި، ބާބެޑޯސްގައި މަޑުކޮށްލެއްވި މި ކުޑަ ވަގުތުކޮޅުގައިވެސް އެ ޤައުމުން ފެނިވަޑައިގަތް ރީތިކަމަށް ތާރީފުކުރައްވާފައިވެއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގަތް ވަފުދަށް، ބާބެޑޯސްގެ ބޮޑުވަޒީރާއި އެ ޤައުމުގެ ސަރުކާރުގެ ފަރާތުން އަދާކުރެއްވި ޚާއްޞަ މެހެމާންދާރީ އަބަދުވެސް ހަނދުމަފުޅު ހުންނާނޭކަމުގައި ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި، އެންޓީގާ އެންޑް ބާބިޔުޑާގައި ނިމިދިޔަ މަހާސިންތާގެ ހަވާސާގައި، ބާބެޑޯސްގެ ބޮޑުވަޒީރާއި ބައްދަލުކުރެއްވުމަށް، މިދިޔަ އަންގާރަ ދުވަހަށް ތާވަލުކުރައްވާފައި އޮތް ނަމަވެސް، ދެބޭފުޅުންގެވެސް އަވަދިނެތިވެ އަދި ވަރަށް ބުރަކޮށް އުޅުއްވަން ޖެހިވަޑައިގަތުމުގެ ސަބަބުން، އެ ބައްދަލުވުން ބޭއްވުމުގެ ފުރުޞަތު ލިބިވަޑައި ނުގަތްކަން ހިތާމައާއެކު ފާހަގަކުރައްވައި، ވަރަށް އަވަހަށް ދެބޭފުޅުން ބައްދަލުވާނޭކަމުގެ އުންމީދު އައުކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖު ނިންމަވާލައްވާފައިވަނީ، ’ސިޑްސް‘ ގެ 4 ވަނަ މަހާސިންތާގައި، ބައިނަލްއަޤްވާމީ މާލީ އެހީތެރިކަމުގެ ނިޒާމު އިޞްލާޙުކޮށް، ކުދި ޖަޒީރާ ޤައުމުތަކަށް ވެދޭ މާލީ އެހީ އިތުރުކުރުމަށް ބާރުއަޅުއްވައި ބާބެޑޯސްގެ ބޮޑުވަޒީރު ކުރެއްވި މަސައްކަތްޕުޅު ޚާއްޞަގޮތެއްގައި ފާހަގަކުރައްވަމުންނެވެ. އަދި އެކަމަނާގެ އެ މަސައްކަތްޕުޅުގެ ސަބަބުން ވަރަށް ބޮޑު ހިތްވަރެއް ލިބިވަޑައިގެންނެވިކަމުގައި ވިދާޅުވެ، ދިވެހިރާއްޖެއިންވެސް ވަކާލާތުކުރާ އެންމެ މުހިންމު އެއްކަމަކީ މިއީ ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެންޓީގާ އެންޑް ބާބިޔުޑާގައި މި ބޭއްވުނު މަހާސިންތާގެ ނިންމުންތައް ތަންފީޒުކުރުމުގައި، ދިވެހިރާއްޖެއާއި ބާބެޑޯސް އިން އެއްބާރުލައިގެން، މި މަސައްކަތް ކުރަމުން ގެންދެވޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް، ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި ވިދާޅުވެފައި ވެއެވެ.
