ފުލުހުންގެ ހިދުމަތް ދިނުމަށް ޒަމާނީ އަދި މަތީ ތައުލީމާއި ތަމްރީނަކީ ވަރަށް މުހިންމު ކަމެއްކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމަށް ނޭޝަނަލް ކޮލެޖް އޮޕް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައެވެ.

މިނިސްޓަރުގެ ވާހަކަ ފެއްޓެވުމުގެ ގޮތުން، އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް ފުލުހުންެގެ ސަފުތަކާ ގުޅިގެން ގައުމީ ޚިދުމަތަށް ނުކުތް ޓްރެއިންޑް ފުލުހުންނަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ނަންފުޅުގައި މަރުހަބާ ދެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ އަސާސީ ތަމްރީނު ކޯހެއް ނިމޭ ދުވަސް ނުވަތަ ޓްރެއިންޑު ފުލުހަކަށްވާ ދުވަސް އެއީ ކޮންމެ ފުލުހެއްގެ ހަޔާތުގައި ވެސް އަންނަ އެންމެ މުހިންމު އެއްދުވަސް ކަމަށާ އަދި އެއީ ހިދުމަތުގެ ކުރީކޮޅު ކޮންމެ ފުލުހަކަށް ވެސް ލިބިގެންދާނެ އެންމެ ބޮޑު ކާމިޔާބީކަމަށެވެ.

އަދި ދިވެހި ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އަމާން މާހައުލެއް ހޯދައިދިނުމާއި ކުށްކުރުން މަދުކޮށް، ކުށަށް އަރައިގަންނަ މީހުންގެ މައްސަލަ އަވަހަށް ތަހުގީގުކޮށް ރައްޔިތުންނަށް އިންސާފު ގާއިމުކޮށްދިނުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް ވާޖިބުކަމަށާއި މިކަން މިގޮތަށް ކުރުމަށްޓަކައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ދިވެހި ފުލުހުން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުން މިއަދު ދިވެހި ފުލުހުންގެ ފަރާތުން އެދޭ ގިނަކަންކަން އެބަހުރިކަމަށާއި ކުރާ ފޮނި އުންމީދުތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން، ރާއްޖެއަކީ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކޮށްފައިވާ މުޖުތަމައަކަށް ހެދުމާ ދިވެހި ރާއްޖެއަކީ ގޭންގު ހަދައިގެން ކުށްކުރަމުންދާ ވެއްޓެއްގޮތަށް އޮތްއޮތުން ބަދަލުކުރުމާއި ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބޭރު މީހުންގެ ކަންކަން ގާނޫނީ އިމަށް ގެނައުމަށް އެހީތެރިވުމަކީ މީގެ ތެރެއިން އެންމެ މުހިންމު ކަންކަަން ކަމަށް ވިދާޅުވިއެވެ.

އަދި ތަމްރީނު ފުރިހަމަކޮށް ފުލުހުންގެ ސަފުތަކާ ގުޅޭ ފުލުހުންގެ ފަރާތުން މިދެންނެވި ކަންކަން ކާމިޔާބުކުރުމަށް، ވެރިންގެ އިރުޝާދާ އެއްގޮތަށް ގަދައަަޅައި މަސައްކަތްކުރުމަށް އެދިލެއްވިއެވެ. އަދި މިކަންކަން ވިޔަނުދިނުމަށް ދައުލަތުގެ އެތެރެއާއި ބޭރުން އަދި މިކަންކަން ކުރުމުގައި ޝާމިލުވާ މީހުންގެ ފަރާތުން ރިޝްވަތު ހުށަހެޅުމާއި އިންޒާރުދީ ބިރުދެއްކުމާއި ފުރައްސާރަކޮށް ފުލުހުންގެ މަސައްކަތަށް ހުރަސްއެޅުމަށް މަސައްކަތްކުރާނެ ކަމަށާއި ތަމްރީނުގެ ބޭނުމަކީ އަދި ފުލުހުންގެ އަޒުމުގެ މަތީގައި ނުގުޑާ ތިބުމަކީ އަދި ކުރާ ހުވަޔާ އެއްގޮތަށް އަމަލުކުރުމަކީ މިފަދަ ހުރަސްތަކުގެ ތެރެއިން ވެސް މަގުސަދު ހާސިލުކުރުން ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ދަރިޔަކު ވިހައި ބޮޑުކޮށް ތައުލީމާއި ތަރުބިއްޔަތުދީ ގައުމީ ޚިދުމަތަށް އެ ދަރިއަކު ނެރުމަކީ މި ގައުމަށް ކޮށްދެވޭނެ އެންމެ ބޮޑު އެއް ޚިދުމަތް ކަމަށާއި މައިންބަފައިން ފަހުރުވެރިވާ ފަދަ އަދި ގައުމު ފަހުރުވެރިވާ ފަދަ ފުލުހުންނަށް، ތަމްރީނުވި ފުލުހުން ވެގެންދާނެކަން ޔަގީންކުރައްވާ ކަމަށް ވިދާޅުވިއެވެ.

އަދި ޚިދުމަތުގައި ދިމާވާ ގޮންޖެހުންތަކުގައި ސާބިތުވެތިބުމަށް އަބަދުވެސް ނަސޭހަތްދެއްވައި ފުލުހުންގެ ހިތްވަރުކަމުގައި އަބަދުވެސް ތިބުމަށް، 36 ވަނަ އަސާސީ ތަމްރީނު ކޯހުން ދަސްވެނިވި ފުލުހުންގެ ބެލެނިވެރިންގެ ކިބައިން އެދިލެއްވިއެވެ.

ހަމަ އެހެންމެ ގައުމެއްގެ އިގުތިސާދީ ތަރައްގީއާއި ކުރިއެރުމަށް އެންމެ މުހިންމު އެއްކަމަކީ އެ ގައުމެއްގައި އޮންނަ ހަމަޖެހުމާއި އަމަން އަމާންކަން އަދި ސުލްހަވެރިކަމާއި އަދުލު އިންސާފު ކަމަށާއި މިކަންކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކައި ހަރުދަނާ ފުލުހުންގެ ޚިދުމަތެއް ގާއިމުކޮށް އޮތުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ވިދާޅުވިއެވެ.

އަދި އިންވެސްޓަރުންގެ ކޮންފިޑެންސް އިތުރުކުރުމާއި ގައުމަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށްޓަކައި، ފުލުހުންގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތައް އޭގެ އެންމެމަތީ ފަންތީގައި ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި ޚިދުމަތްދިނުމުގައި އިންސާނީ ކަރާމާތް އިސްކޮށް ދިވެހި ރައްޔިތުންނާ ވީހާވެސް ގާތުން އޯގާތެރިކަމާއެކު ޚިދުމަތްދިނުމަކީ ފުލުހުންގެ އަމާޒަކަށް ވާންވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިކަންކަން ކަށަވަރުކުރުމަށްޓަކައި ކޮމިޝަނަރ އޮފް ޕޮލިސް އަދި އެންމެހައި ފުލުހުން ކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރުއަދާކުރެއްވިއެވެ.

އަދި ޚިދުމަތް ދިނުމަށް ޒަމާނީ އަދި މަތީ ތައުލިމާއި ތަމްރީނަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެންމެހައި ފުލުހުން މަސައްކަތް ކުރަންވާނީ އެ ފުލުހަކާ ހަވާލުވެފައިވާ މަސްއޫލިއްޔަތުތަކެއް އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި ބޭނުންވާ ތައުލީމާއި ތަމްރީނު ލިބިގަތުމަށް ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފުރުސަތުތައް ފަހިކޮށްދިނުމަކީ ޒިންމާއެއް ކަމަށާއި މިކަންކަން ފަހިކޮށްދީ މިކަމަށް ބާރުއެޅުމަކީ ފުލުހުންގެ ވަޒީރުގެ ހައިސިއްޔަތުން ވަރަށް އިސްކަންދޭނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ތައުލީމާއި ތަމްރީނުދިނުމަކީ ފަސޭހަކަމެއްނޫން ކަމަށާއި އެއީ އެ މަސައްކަތެއްގައި ގިނަވަގުތު ހޭދަވާ ހައްޓަށްބުރަ އަދި އުނދަގޫ މަސައްކަތެއްކަމަށާއި ހާއްސަކޮށް އަސާސީ ތަމްރީނު ކޯހެއްގެ މުދައްރިބުންނަކީ މިކަންކަން އެތައް ގުނައަކަށް ކުރަންޖެހޭ ބައެއް ކަމަށް ވިދާޅުވިއެވެ.