ކ.ފުށިދިއްފަރުފަޅުގައި ރަސްމާލެ ސިޓީ ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރާ ނެދަލެންޑްސްގެ ބޮސްކާލިސްއާ ގުޅިފައިވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އިން މަސައްކަތް ފެށީ ވެލި ހޯދުމަށް މާބޮޑު ދިރާސާއެއް ނުކޮށް، މަސައްކަތް ފެށުމަށްފަހު ވެލި ހޯދާ ގޮތަށް ކަމަށް ސަރުކާރުން ކުރިން ބުނެފައިވެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓިފައި އޮތީ ސީއެމްސީ އަށް ފައިސާ ނުހޯދިގެން ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މިކަމުގައި ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ މި އަހަރުގެ ނިޔަލަށް އެއްކޮށް ހިއްކާ ނިންމޭ ވަރަށް ތަފާތު އެކި ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށެވެ.
އަދި މިކަމުގައި ކާމިޔާބީތަކެއް ލިބިފައިވާއިރު، އަމަލީ މަސައްކަތް ފެށޭ ހިސާބަށް ދިޔުމުން، މިކަމާ ގުޅޭ އިތުރު ތަފްސީލު ހާމަ ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކޮންޓްރެކްޓަރަށް ނުކުރެވުމުން، އިތުރު ފުރުސަތު ނުދޭން ނިންމި މައިގަނޑު ސަބަބަކީ މާލެ ސަރަޙައްދުން ބިންތަކެއް ދިނުމަކާނުލައި ކޮންޓްރެކްޓަރުން މެދުވެރިވެގެން ފައިނޭންސް ހަމަޖައްސައިގެން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުންވާތީއެވެ.
”އިރާދަކުރެއްވިއްޔާ ރަސްމާލެ ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ.“ މިނިސްޓަރު މިއަދު ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއުއަށް މިފަދަ ގޮންޖެހުންތައް ކުރިމަތިވީ މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި މި މަޝްރޫއު ހިންގުމަށް ހިމެނި ފައިސާ އުނިކުރުމުން ކަމަށްވެސް މިނިސްޓަރު މުއްތަލިބު ވަނީ ވިދާޅުވެފައެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ދިވެހި ސަރުކާރުން މިހާތަނަށް ހިންގާ އެންމެ ބޮޑު އެއް މަޝްރޫއުއަށް ވާނެއެވެ.
ރަސްމާލެ ތަރައްގީ ކުރަން ހަމަޖެހިފައި ވަނީ، އިކޯ ސިޓީއެއްގެ ގޮތުގައެވެ. އެގޮތުން ޒީރޯ ކާބަން، އަދި ސޭފް އައިލެންޑް ކޮންސެޕްޓަށް ތަރައްގީ ކުރަން ހަމަޖެހިފައިވާ މި ސިޓީއަށް ދިޔުމަށް ކަނޑު އަޑީގައި ޓަނަލްއެއް ހެދުމުގެ ތަސައްވަރެއް އޮތްކަން، ރައީީސް މުއިއްޒު ވަނީ ހާމަ ކުރައްވައިފައެވެ.
