ފަލަސްތީނަށް އެހީވުމުގެ ގޮތުން ޓެލެތޯނެއް ކުރިއަށް ގެންދިއުމަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ނިންމައިފިއެވެ.

މި ހާއްސަ ޓެލެތޯން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖޫން މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ، ޓެލެތޯން ކުރިއަށް ގެންދާނީ އެކަމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ މީޑިއާތަކާ ގުޅިގެން ކަމަށެވެ.

މީގެ އިތުރުން މި ހަރަކާތުގައި ބައިވެރިވުމަށް ބޭނުންވާ ކައުންސިލުތަކާއި ޖަމިއްޔާތަކަށްވެސް އެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ބާއްވާ ޓެލެތޯންއެކެވެ. މި ޓެލެތޯންގެ ފަންޑު ފޮށި މާލެ ސަރަހައްދުގެ އޮފީސްތަކާއި ސްކޫލުތައް ކައިރީގައި އަދި ޕާކުތަކާއި މީހުން ގިނައިން އެއްވެއުޅޭ ސަރަހައްދުތަކުގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.