ދިވެހިރާއްޖެއިން އިއްޔެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ފުރި ހުރިހާ ހާޖީންގެ ހާލު ވެސް ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ އިއްޔެ ފުރި ހާޖީންގެ ގްރޫޕް އެންމެން ޢުމްރާކޮށް ނިމި، މިހާރު ތިބީ ހޮޓަލުގައި ކަމަށެވެ.
”ހުރިހާ ހާޖީންގެ ހާލު ވެސް އިރާދަކުރެއްވިއްޔާ ރަނގަޅު. ހޮޓަލުގައި ހާއްސަ ކުލިނިކް ވެސް ގާއިމުކުރެވިފައިވޭ.“ އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ސިއްހީ ގޮތުން ހާއްސަ ހާލަތެއް އެއްވެސް ހާޖީއަކަށް މެދުވެރިވިކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ހައްޖު މިޝަންއިން ބުނީ މިއަހަރުގެ ހައްޖާޖީން މައްކާއަށް ދިއުމަށް ހަމަޖެހިފައި ވަނީ ތިން ފްލައިޓެއްގައި ކަމަށެވެ. ދެ ވަނަ ގްރޫޕް 353 ހައްޖުވެރިންނާއެކު ހޯމަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު އެންމެ ފަހު ބެޗް 339 ހައްޖުވެރިންނާއެކު ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ދަށުން ދައުލަތުގެ ހަރަދުގައި ހައްޖަށް ފޮނުވާ 1،000 މީހުންގެ ތެރެއިން މި އަހަރު ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ 50 ފަގީރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.
