ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
އދ.ގެ އާންމު މަޖިލީހުގައި ޑަބްލިއްއެޗްއޯގެ ފުރިހަމަ މެންބަރުކަން ދިނުމާއި ގުޅޭ ގަރާރު ފާސްކޮށްފައިވަނީ 101 މެމްބަރުންގެ ވޯޓުންނެވެ.
އެކަމާއި ދެކޮޅަށް ފަސް ގައުމަކުން ވޯޓުދިން އިރު، 21 ގައުމަކުން އެއްވެސް ކޮޅަކަަށް ވޯޓު ދީފައެއް ނުވެއެވެ. ރާއްޖެއިން ވޯޓު ދިނީ ފަލަސްތީނާ އެއްކޮޅަށެވެ.
މި ނިންމުމާއި ގުޅިގެން ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ އެސެބްލީގައި ޑަބްލިއުއެޗްއޯގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބޭ ގޮތަށް ނިންމި ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށެވެ.
މި ގަރާރަށް ތާއިދުކޮށް، ޑަބްލިއުއެޗްއޯގައި ފަލަސްތީނުގެ ހަައްގުތައް އިތުރު ކުރަން ވޯޓު ދިން 101 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށްވެސް ރައީސް ވިދާޅުވިއެެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި ގަރާރަށް ތާއީދު ކުރަން ނިންމީ، ފަލަސްތީނުގެ ރައްޔިތުންނަށް ދައުލަތެއްގެ ހައިސިއްޔަތު ނުލިބި އޮތްއިރު، ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ ފުރިހަމަ މެންބަރުކަަމަށް ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ތާއީދު ކުރާތީ ކަމަށެވެ.
އަދި މިއީ ދެމެހެއްޓެނިވި ސުލްހައަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
