މަރާލާފައިވާ މީހުންނާއި، ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރަން ކުރީ ސަރުކާރުން އުފެއްދި ކޮމިޝަން އުވާލައިފިއެވެ.

މި ކޮމިޝަން އުވާލާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރަކުންނެވެ.

މި ކޮމިޝަން އުވާލީ އެ ކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތްތައް އެ ކޮމިޝަނުން ނިންމާފައިވާތީއެވެ.

މަރު ކޮމިޝަނުން ވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލަ އަދި ކުރީގެ މަޖިލިސް މެމްބަރު ޑރ. އަފްރާޝިމް އަލީ މަރާލި މައްސަލަ ތަހުގީގު ކޮށްފައެވެ.

އަދި ތަހުގީގުގެ ބޭނުމަށް އެއްކުރި ހުރިހާ މައުލޫމާތަކާއި ތަކެތި ރައީސް އޮފީހާ ހިއްސާކުރަން ތައްޔާރުވަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

މަރު ކޮމިޝަނުން 2019 ވަނަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ޓެރަރިސްޓު ޖަމާއަތަކާއި ގުޅުން އޮންނަ ބަޔަކު ރިލްވާން ވަގަށް ނަގައި ކަނޑުމައްޗަށް ގެންގޮސް މަރާލުމަށްފަހު ކަނޑުފައްތާފައިވާ ކަމަށް ބުނެފައެވެ. ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ 2014 އޮގަސްޓް 7 ވަނަ ދުވަހުއެވެ.