އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ސަރުކާރުން ނިންމި ނިންމުމަކީ ހިތްވަރުގަދަ ނިންމުމެއް ކަމަށް އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު، ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އޭނާ މިގޮތަށް ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޢަލީ ޒާހިރު ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރުމަކީ ސަރުކާރުގެ ހިތްވަރު ގަދަ ނިންމުމެއް ކަމަށެވެ. އަދި ކުޑަ ގައުމަކަށް ބަލާއިރު އެއީ ވަރަށް ބޮޑު ކަމެއް ކަމަށެވެ.
ރައީސް އޮފީހުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި، ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
އަދި އެކަން ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓަރާއި، ފޮރިން މިނިސްޓަރާއި، އިކޮނޮމިކް މިނިސްޓަރުގެ އިތުރުން ބަންޑާރަ ނައިބާއި ޓޫރިޒަމް މިނިސްޓާއި އިސްލާމިކް މިނިސްޓަރެވެ.
އާދިއްތަ ދުވަހުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ އ.ދ ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ މެދުވެރިކޮށް ފަލަސްޠީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ވެސް ނިންމާފައެވެ. އަދި ”ފަލަސްތީނާ އެކު ދިވެހިން“ މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަން ވެސް ނިންމާފައިވެއެވެ.
މީގެއިތުރުން ލަސްތީނާއި އިޒްރޭލުގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ފަލަސްތީނުގެ ފަރާތުން އެދޭ ކަންކަން ދެނެގަތުމަށް ސްޕެޝިއަލް އެންވޯއިއެއް ކަނޑައެޅުމަށް ވެސް ވަނީ ނިންމާފައެވެ.
