ސްރީލަންކާއާއި ރާއްޖެ، ގިނަ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.
ލަންކާއަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ލަންކާގެ ފޮރިން މިނިސްޓަރު އެމްޔޫއެމް އަލީ ސަބްރީއާ ބައްދަލުކުރައްވައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
އެ ބައްދަލުވުމަށްފަހު ޒަމީރު ދެއްވި ބަޔާނެއްގައި ވިދާޅުވީ އިގުތިސޯދީ ދާއިރާއިންނާއި ތައުލީމު އަދި ވިޔަފާރީގެ އިތުރުން ސިއްހީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއާއި ލަންކާއަކީ ވެސް މަސްވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވާ ދެ ގައުމަށް ކަމަށްވުމުން ދެ ގައުމުގެ ހާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
އަދި ވަނީ ސަލާމަތީ ދާއިރާއިން ދެ ގައުމުގެ މެދުގައި އެއްބާރުލުން މިހާރު ވެސް ދެމުންގެންދާ ކަމަށާއި އެހެންވެ ދެ ގައުމުގެ މެދުގައި ތަމްރީނުގެ ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.
ލަންކާއަކީ ވެސް ރާއްޖެ ފަދައިން މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމަކަށްވުމުން މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމުގައި މިހާރަށް ވުރެ ހަލުވި އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭތީ އެކަމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވާނެ ކަމަށެވެ.
