ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައެޅުއްވި ސަފީރު މަސްއޫދު އިމާދު، އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު އެ ޤައުމުގެ ރައީސް ރަނިލް ވިކްރަމްސިންހައަށް އަރުވައިފިއެވެ.
މަސްއޫދު މަޤާމުގެ ފަތްކޮޅު އަރުވާފައިވަނީ އެކަމަށްޓަކައި އިއްޔެ ލަންކާގެ ރައީސްގެ ގެކޮޅުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސަފީރާއި ލަންކާ ރައީސް ވަނީ މުހިއްމު މަޝްވަރާތަކެއް ކުރައްވާފައެވެ.
އެގޮތުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ލަންކާއަކީ ހަމައެކަނި އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގެ ބައިވެރިއެއް ނޫންކަމަށާއި، ލަންކާއަކީ ދިވެހިންގެ ގިނަ ބަޔަކު އުޅޭ ޤައުމެއްކަން ފާހަގަކުރައްވާފައެވެ.
އަދި ގިނަ ބަޔަކަށް ލަންކާއަކީ އެމީހުންގެ ދެ ވަނަ ވަޒަން ކަމުގައި ވިދާޅުވެ، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަންވެސް ސަފީރު ވަނީ ލަންކާގެ ރައީސަށް ދެއްވާފައެވެ.
