ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގެ ދަށުން، ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވާ ފުރަތަމަ 50 މީހުން މިއަދު ފުރައިފިއެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 1000 މީހުން، އެމަނިކުފާނުގެ ޒަޢާމަތުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި، ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުއްވައިދެއްވާނެ ކަމަށް އެ މަނިކުފާނު އިޢުލާނުކުރެއްވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގައި، މިދިޔަ އަހަރުގެ އޮގަސްޓް 18 ވަނަ ދުވަހުގެރޭ، މ. މުލަކު ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ފަޤީރުންގެ ތެރޭގައި ހިމެނޭ 50 މީހުން މިއަދު ފުރާފައިވާއިރު، މި 50 މީހުން ވެސް ޙައްޖަށް ދިޔައީ، ރާއްޖެއަށް ލިބިފައިވާ 1،000 މީހުންގެ ކޯޓާގެ ތެރޭގައި ހިމެނިގެން، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.