ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދަކީ ރާއްޖޭގެ އެއްވެސް ވެރިކަމެއް އަދި ވެރިޔަކު ވެސް ކަމުދިޔަ ބޭފުޅެއް ނޫން ކަމަށް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.
އިންޑިއާއަށް ފާޑު ވިދާޅުވި މައްސަލައެއްގައި، މިވަގުތު ސަސްޕެންޝަނުގައި ހުންނެވި ޝިއުނާ އެކްސްގައި ވިދާޅުވީ ޑރ.ޖަމީލު، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ކަމުނުގޮސްގެން ރައީސް މުޙައްމަދު ނަޝީދު ފަހަތްޕުޅަށް އަރާވަޑައިގެންނެވި ކަމަށެވެ.
އަދި ރައީސް ނަޝީދުގެ ވެރިކަން ދެބައިނުވަނީސް، އެ ވެރިކަން ކަމުނުގޮސްގެން ރައީސް ޑރ.މުޙައްމަދު ވަހީދު ޙަސަން މަނިކުގެ ފަހަތަށް އަރާވަޑައިގެންނެވި ކަމަށެވެ.
”ވަހީދު ވެރިކަމުގަ ހުއްޓަ ޔާމީން ފަހަތަށް، ނައިބު ރައީސްކަން ދިނީމަ އެކަން ނުވެގެން ގޮސް އެމްޑީޕީ ރައީސް އިބޫ ފަހަތަށް އަރާ ރައީސް ޔާމީން ޖަލަށްލާން ބުރަ މަސައްކަތް ކުރި.“ ޝިއުނާ ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހުވައި ކުރެއްވުމުން، އެމަނިކުފާނު ކަމުނުގޮސްގެން ދެން އަނެއްކާ ވެސް ރައީީސް ޔާމީންގެ ފަހަތްޕުޅަށް ޑރ.ޖަމީލު ވަޑައިގެންނެވި ކަމަށް ވެސް ޝިއުނާ ވިދާޅުވިއެވެ.
”ޔާމީން ޖަލުގައި އޮވެ އިންތިޚާބުގަ ވާދަ ނުކުރެވުނީމަ ޖަމީލު ބޭނުންވީ ވެރިކަން. އެކަންނުވީމަ ހިތާ ދެކޮޅަށް ރ.މުޢިއްޒު ފަހަތަށް، ރައީސް ކަމުގެ ހުވާ ނުކުރެވެނީސް ރ.މުޢިއްޒު ކަމުނުގޮސްގެން އަނެއްކާ ޔާމީން އާއެކީ ކަމަށް ހެދިގެން.“
ޝިއުނާ ވިދާޅުވީ، ޑރ.ޖަމީލު އެމީހެއްގެ ފަހަތްޕުޅަށް އަރާވަޑައިގެންފިނަމަ، ”ޕްރޮބޭޝަން“ މުއްދަތުގެ ތިން މަސް ހަމަވުމުން އެ ވެރިޔަކާ ދެކޮޅުވާނެ ކަމަށެވެ.
ޝިއުނާ ޑރ.ޖަމީލަށް ފާޑު ވިދާޅުވިއިރު، ރައީސް ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގައި ހުންނަވައި، ޑރ.ޖަމީލު ގެންދަވަނީ މި ސަރުކާރަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

ޖަމީލު އައް އެކަކުވެސް ކަމަކު ނުދާނެ ؛ ޖަމީލު އައް ޖަމީލުވެސް ކަމަކު ނުދޭ ދެންވާނި ކިހިނެއް