ބޮޑު ކަންނެލީގެ މަސްވެރިން އިހުތިޖާޖު ކުރާ ސަރަހައްދަށް ވަޑައިގަންނަވަން ބޭނުންވެނުލައްވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވިދާޅުވި ކަމަށް ބުނެ، ރާއްޖެއެމްވީގައި ޝާއިޢު ކުރި ޚަބަރު، މިނިސްޓަރު ދޮގު ކުރައްވައިފިއެވެ.
ރާއްޖެއެމްވީގައި ބުނެފައި ވަނީ، ބޮޑު ކަންނެލީގެ މަސްވެރިންގެ މުޒާހަރާގައި ތިބީ ދެތިން ބަންގްލަދޭޝް މީހުން ކަމަށާއި އެހެންވެ އެތަނަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށް ޝިޔާމް ވިދާޅުވި ކަމަށެވެ.
”އަޅުގަނޑު ދެންނެވި ވާހަކައެއްނޫން.“ އެ ޚަބަރު ދޮގު ކުރައްވައި، މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ބޮޑު ކަންނެލި ޔޫނިއަނުން އިސްނަގައިގެން ބޮޑުކަންނެލި މަސްވެރިން ކުރަމުންދަނީ ވަރަށް ސުލްހަވެރި އިހުތިޖާޖެއް ކަމަށެވެ.
އެއްވެސް ފަރާތަކުން މަސްލަހަތު ގެއްލޭފަދަ ކަންކަން ނުކުރެއްވުން ވަރަށް އެދިވަޑައިގަންނަވާ ކަމަށާއި، ޔޫނިޔަންގެ އިސްވެރިންނާ މުއާމަލާތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީ ހުރި ގިނަ އަދަދެއްގެ ފައިސާ ދައްކާފައިވެއެވެ.

ރައްޔިތުންގެ ޓެކްސް ފައިސާއިން ވިއްކާއިން ފައިދާނުވާ އަގުގައި މަސްގަތުމަކީ ރައްޔިތުންގެ ހައްގަށް އަރައިގަތުން. ސިޔާސީ ފައިދާ ނެގުމަށްޓަކައި ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދުކޮށްގެންނުވާނެ.