ރާއްޖޭގައި މިވަގުތު، ވެރިކަމުގެ ހުވާ ކުރައްވައިގެން ތިއްބެވި ދެ ރައީސުން އެބަތިބި ކަމަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިރޭ ކާނިވާ ސަރަހައްދުގައި ”ހަވާލޭ ވަތަން“ މިނަމުގައި ބާއްވަމުން ގެންދާ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތައިރޮޑްގެ އޮޕަރޭޝަނަށް ސިންގަޕޫރަށް ވަޑައިގަތުމުން، ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ވެރިކަމުގެ ހުވާ ކުރައްވައިފައެވެ. ބައެއް ގާނޫނީ ވަކީލުން ވަނީ އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ.

މިރޭ ރައީސް ޔާމީން ވިދާޅުވީ ވެރިކަމުގެ ހުވާ ކުރައްވައިގެން ދެ ރައީސުން ތިއްބެވިއިރު، މިފަދަ ކަންކަމަކީ ”ސެޓްލް“ވާން ޖެހޭ ކަންކަން ކަމުގައެވެ.

ކޮންމެހެން ނޭނގުމެއްގެ ތެރޭގައި ތިބެގެނެއް ނުވާނެ. އަދުލު އިންސާފުގެ އެންމެ މަތީ ދާއިރާއިން، ކޮންމެވެސް ގޮތަކަށް އެކަން ނިންމައިދޭން ޖެހޭ. ހުވާ ކުރައްވައިގެން ތިއްބެވި ދެ ރައީސުން އެބަތިބި. ދެ ރައީސުން ކުރީ އެއް ހުވައެއް.

ނައިބު ރައީސް ފައިސަލް ނަސީމް ވެރިކަމުގެ ހުވާ ކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

ގާނޫނު އަސާސީގެ 123 ވަނަ މާއްދާގައި ވަނީ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަށް އަދާކުރެއްވުމަށް ވަގުތީގޮތުން އުޒުރުވެރިވާނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހު ނައިބު ރައީސާ އެ މަސްއޫލިއްޔަތުތައް ހަވާލުކުރަންވާނެ ކަމަށެވެ. އަދި އެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތަކާ އަލުން ހަވާލުވެވޭނީ ވެސް ރައްޔިތުން މަޖިލީހުގެ ރައީސަށް އެކަން ލިޔުމަކުން އެންގުމަށްފަހު ކަމަށް ވެސް އެ މާއްދާގައިވެއެވެ.

އެހެންނަމަވެސް ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމަށް، ނައިބު ރައީސް ވެރިކަމުގެ ހުވާ ކުރައްވަން ޖެހިވަޑައެއް ނުގަންނަވާނެއެވެ.