ކުރީގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވުމުން, އެ މަނިކުފާނުގެ އާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަބްދުލްހަންނާން ހަލީމަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ 10 އަހަރު ޕަބްލިކް ސޭފްޓީ މިނިސްޓަރު ކަމުގެ މަގާމުގައި ދައުލަތަށް ޚިދުމަތްކުރެއްވި ބޭފުޅެއް ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުކަމާއި އެނޫން އެތައް ޚިދުމަތްތަކެއް ވެސް ދިގު މުއްދަތެއްގައި ގައުމަށް ކޮށްދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ އަބްދުލްހަންނާން ހަލީމް އަވަހާރަވުމަކީ ގައުމަށް ލިބުނު ފުން ހިތާމައެއްގެ ގޮތުގައި ސިފަ ކުރައްވައިފައެެވެ.
މީގެ އިތުރުން ރައީސް ވަނީ އެ މަނިކުފާނުގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި، ﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އެ މަނިކުފާނުގެ ފުރާނަފުޅު ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތްދެއްވުން އެދި ދުޢާ ކުރައްވައިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 87 އަހަރުފުޅުގެ އަބްދުލްހަންނާން ހަލީމް އަވަހާރަވީ މިއަދު ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.
