ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މި ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި، ތެލާއި، އައިސްގެ ސަބްސިޑީ ހިމެނޭ ގޮތަށް މަސްވެރިންނަށް ޖުމްލަ 933 މިލިއަން ރުފިޔާ ދޫކޮށްފައިވާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

”ހައުސް އޮފް ޕީއެންސީ“ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ފައިސާ ނުލިބި ލަސްވާތީ، އައްޑޫގައި މަސްވެރިން މުޒަހަރާ ކުރަމުން އަންނަ މި ދަނޑިވަޅުގައި މިނިސްޓަރު ޝިޔާމް ރޭ ވިދާޅުވީ ރައީސް މުއިއްޒުގެ އަމާޒަކީ، މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށް މިފްކޯގެ ހުރި ގޯސްތައް ވެސް ރަނގަޅު ކުރުން ކަމަށެވެ.

އެމްޑީޕީގެ ސަރުކާރު ނިމިގެންދިޔައިރު، އަށް ބިލިއަން ރުފިޔާގެ ފައިސާ ޗާޕު ކޮށްގެން ވެސް، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދެވިފައިނުވާ ކަމަށާއި، އެ ސަރުކާރުން މަސް ގަންނަ އަގު ބޮޑު ކުރީ ވެސް ރިޔާސީ އިންތިހާބު ބޯމަތިވުމުންކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

މިފްކޯގެ މާލީ ހާލަތު ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ގައުމުގެ ދަރަނި ހުރީ 126 ބިލިއަން ރުފިޔާގައި ކަމަށެވެ.

”ވޭތުވެދިޔަ ފަސް އަހަރާއި، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މިފްކޯއަށް ވީ ގެއްލުން 1.6 ބިލިއަން ރުފިޔާއަށް އަރާ. 1.6 ބިލިއަން ރުފިޔާ. އަޅުގަނޑު ދަންނަވައިފިން، ފައިސާ ޗާޕު ކޮށްގެން ވެސް، މަސްވެރިންނަށް ދައްކަން ހުރި ފައިސާ ނުދައްކައޭ، ފަހުން ކިހިނެއްތޯ ވީ؟ ފަހުން މި ވީގޮތަކީ އަޅުގަނޑުމެން ބަލާލިއިރުގަ، އަޅުގަނޑުމެން މިތިބީ 126 މީޓަރު އަޑީގައޭ، 126 ބިލިއަން އަޅުގަނޑުމެންގެ ބޮލުގަ އަޅަން މި ޖެހުނީ،“ ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ދިވެހި މަސްވެރިކަމުގެ ސިނާއަތް އެހެން ހަރުފަތަކަށް ގެންގޮސް، މި ސިނާއަތަކީ އާމްދަނީ ލިބޭ، ބޭރުގެ އިންވެސްޓްމަންޓުތަކަށް ވެސް ފަހި މާހައުލެއް އޮތް ސިނާއަތަކަށް ހެދުން ކަމުގައެވެ.

ރައީީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ، މިފްކޯ އަކީ ގާބިލު ކުންފުންޏަކަށް ހަދައި، މަަސްވެރިން ބާނާ މަހަށް ފައިސާ ދެވޭނެ ވަރުގެ ކުންފުންޏަކަށް ހެއްދެވުމުގެ އަޒުމްގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.