ޕީއެންސީ ޕާލަމަންޓްރީ ގްރޫޕް ލީޑަރު އިބްރާހީމް ފަލާޙާއި ގުޅޭ ގޮތުން ފަތުރަމުން ގެންދާ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ޕީއެންސީން ބުނެފިއެވެ.

ޕީއެންސީން ނެރުނު ބަޔާނެއްގައި ވަނީ، އެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާޙުގެ އަބުރުފުޅަށް އަރައިގަނެ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ސޯޝަލް މީޑީއާގައި ފަތުރަމުން ގެންދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

”ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ ވީޑިއޯ ނުވަތަ ފޮޓޯގައިވާ ފަރާތަކީ ކޮންގްރެސް ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙު ނޫންކަން މީގެ 2 އަހަރު ކުރިން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ކަށަވަރުކޮށްދީފައެވެ.“ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ވަނީ ވީޑިއޯއާއި ފޮޓޯއާއެކު ޙަޤީޤަތާއި ޚިލާފު ދޮގު ޚަބަރު ރޭގެ ވަގުތެއްގައި އެންމެ ފުރަތަމަ ފަތުރާފައިވަނީ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ފަތުރާ ފިތުނަ އުފެއްދުމުގައި ހައްދުފަހަނައަޅާފައިވާ ހަސަން ކުރުސީ ނަމުގައި ހަދާފައިވާ ފޭކް އެކްސް އެކައުންޓަކުން ކަމަށެވެ.

އަދި މިނޫންވެސް އިތުރު ފަރާތްތަކުން މި ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ގެންދަނީ ފަތުރަމުން ކަމަށް ބަޔާނުގައިވެއެވެ.

”ވީމާ، މިފަދަ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަ ދައްކާ ފަތުރާ ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ގޮވާލަމެވެ.“ ބަޔާނުގައިވެއެވެ.

ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކައުންޓުން ފަލާހުއަށް ހުތުރު ތުހުމަތެއްކޮށް ވީޑިއޯއާއި ފޮޓޯ އާއްމު ކުރިއިރު، ފަލާހު ރޭ ވަނީ، ކުރުސީއާމެދު ޖެހިލުން ނުވާ ކަމަށް ވިދާޅުވެފައެވެ.