މޯލްޑިވްސް މީޑިއާ ކައުންސިލް(އެމްއެމްސީ) މިހާރުގެ މެމްބަރުންގެ ދައުރު ޑިސެމްބަރު މަހުގެ ތެރޭގައި ހަމަވާތީ، ކައުންސިލަށް އާ މެމްބަރުން ހޯދަން އިއުލާންކޮށްފިއެވެ.

މީޑިއާ ތަމްސީލުކުރާ ހަތް މެންބަރުންނާއި އާންމު ހަ މެންބަރުން މީޑިއާ ކައުންސިލަށް ބޭނުންވާ ކަަމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ވަނީ ބުނެފައެވެ. އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުން ހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ މީހެކެވެ.

ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ ދެ އަހަރެވެ.

މީޑިއާ ކައުންސިލަށް ކުރިމަތިލާން ހުޅުވާލި އިރު، ކައުންސިލްގެ ރައީސަކަށް ކުރިން ހުންނެވި ޝަހުބާން ފަހުމީގެ މައްޗަށް ކުރެވުނު މަނީ ލޯންޑްރިންގެ ތުހުމަތުތަކާ ގުޅިގެން ކުރިމަތިވި ޕްރެޝަރުތަކާ ހެދި އޭނާ ވަނީ ޖޫން މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ހޯމް މިނިސްޓްރީން ބުނީ މިހާރު ތިބި 13 މެމްބަރުންގެ ދައުރު ޑިސެމްބަރު މަހުގެ 14 އަށް ހަމަވާނެ ކަމަށެވ. މީޑިއާ ކައުންސިލުގެ އާ ދައުރަށް ކުރިމަތިލާން ހުޅުވާލައި، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 31 އާ ހަމައަށް ވަނީ ހުޅުވާލައިފިއެވެ.