ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ވަކީން ޚާއްޞަކޮށް ފުޓްބޯޅައަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައި، ޤައުމަށް ފަޚްރުވެރި ނަން ހޯއްދަވައިދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔާ މުޙައްމަދު ޢާރިފް (ބަކާ) ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ، މިއަދު ހަވީރު ބަކާ ނިޔާވުމާއި ގުޅިގެން އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.
”މި ހިތާމަވެރި ވަގުތު މަރްޙޫމް މުޙައްމަދު ޢާރިފްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދެމެވެ. އަދި މަރްޙޫމް މުޙައްމަދު ޢާރިފަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، ކީރިތިﷲގެ ނިޢުމަތާ ރަޙްމަތުގައި ލެހެއްޓެވުން އެދި ދުޢާކުރަމެވެ.“ އެމަނިކުފާނު ވިދާޅުވިއެވެ.
އުމުރުން 38 އަހަރުގައި ބަކާ ނިޔާވީ، ހައްޖުގެ އަޅުކަމުން އެނބުރި އައިސް، ކުއްލި ގޮތަކަށް ހުން ގަދަވެ، ނޭވާލާން އުނދަގޫ ވުމުން، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށެވެ.
އައްޑޫ ހިތަދޫ ނީލްގޭ، ބަކާ މި އަހަރު ހައްޖަށް ދިޔައީ ސައުދީ ރަސްގެފާނުގެ ދެއްވި ދައުވަތުފުޅުގެ ތެރެއިން ލިބުނު ފުރުސަތެއްގައެވެ.
ގައުމީ ޓީމަށް ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ބަކާ އަކީ 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި ނެގި ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިއެކެވެ.
އޭނާ ވިކްޓްރީ، ވެލެންސިއާ، ނިއު ރޭޑިއަންޓް، އީގަލްސް، އައިލޭންށް އެފްސީ އާއި ވީބީ އައްޑޫ އެފްސީގެ އިތުރުން މާޒިޔާ އަށް ވެސް ކުޅެފައިވެއެވެ.
