ރާއްޖެއިން ފެނުނު އިންވޭސިވް މެނިންގޯކޮކަލް (މެނިންޖައިޓިސް) ކޭސްއާ ގުޅިގެން ކްލޯޒް ކޮންޓެކްޓް، ނުވަތަ ގާތުން އެއްތާވި މީހުންގެ ތެރޭގައި 46 މީހަކު ފާހަގަވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން(އެޗްޕީއޭ)އިން ވިދަޅުވެއްޖެއެވެ.
ރާއްޖެއިން އެ ބަލި އަނެއްްކާވެސް ފެނި އެ ބަލި ޖެހުނު މީހާ ވަނީ ނިޔާވެފައެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިބްރާޙިމް އަޝްރަފް ވިދާޅުވީ ގާތުން އެއްތާވި މީހުންގެ ގޮތުގައި މިހާތަަނަށް 46 މީހަކު ފާހަގަވެފައިވާ ކަމަށެވެ.
އޭގެތެރެއިން ޕްރޮފިލެކްސިސް ދޭންޖެހޭ މީހުންނަށް ޕްރޮސިލެކްސިސް ދެވިފައިވާ ކަމަށް ވިދާޅުވިއެވެ.
”އެ ކޭސްއާ ގުޅިގެން މިހާތަނަށް އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވިފައިވަނީ، އެހެންވީމަ އިތުރަކަށް ދެން ފުޅާވެގެން ނުދާނެ، މިހާރު ފެނިފަ ހުރި އަދަދުތަކަށްވުރެ އިތުރުވެގެން ނުދާނެ،“. އަޝްރަފް ވިދާޅުވިއެވެ.
އެއް ބައްޔާއި ގުޅިގެން އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ.މޫސާ މުރާދު ވިދާޅުވީ މި ބަލި ޖެހެނީ ބެކްޓީރިއާއަކުން ކަމަށާއި، ބަލި ގައިންގަޔަށް އަރަނީ ކެއްސާ ނުވަތަ ކިނބިހި އަޅާ މީހާގެ ކުޅުގެ ތިކިތަކުގެ ތެރެއިން ކަމަށެވެ.
އެހެންނަމަވެސް ބެކްޓީރިއާ އަކީ ވައިރަސްތައް ފެތުރޭހާ ފަސޭހައިން ގައިންގަޔަށް ފެތުރޭ އެއްޗެއް ނޫން ކަމަށް ޑރ، މުރާދު ވިދާޅުވިއެވެ.
”ބަލިޖެހުނީމަ އާންމުގޮތެއްގައި ރޯގާއެއްގެ ގޮތަށް މިބަލި އައިސްދާނެ. އެހެން ނަމަވެސް މިބަލީގަ އަޅުގަނޑުމެން ސަމާލުކަން މިހާވަރަށް މިދޭނެޖެހޭ ސަބަބީ މި ބައްޔަކީ ތަންކޮޅެއް އަވަހަށް ނުރައްކާވެދާނެ ބައްޔަކަށްވާތީވެ.“ ޑރ. މުރާދު ވިދާޅުވިއެވެ.
ޑޮކްޓަރު އިތުރަށް ވިދާޅުވީ، މި ބަލީގައި ނުރައްކާ ވަނީ، ބަލީގެ ޖަރާސީމު މުޅި ހަޑިގަނޑަށް ވާސިލުވުމުން ކަމަށެވެ. އެ ހާލަތުގައި ބަލި މީހާގެ ފުރާނައަށް ނުރައްކާ ވުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ.
