ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބޭ މެޑިކަލް އިންޝުއަރެންސް މެދުކަނޑާލަން ޖެހޭ ކަމަށް މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެއެވެ.
އަޒާން މިހެން ވިދާޅުވީ، ދައުލަތުގެ މާލީ ހާލަތު ގޯސްވެ، ހަރަދު ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ނިންމާފައިވަނިކޮށް، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. މާލީ ހާލަތު ރަނގަޅު ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ހަރަދު ކުޑަ ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
”ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ރައީސް ޑރ.މުއިއްޒު ގެ ސަރުކާރުން ދަނީ ހަރަދު ކުޑަކުރަމުން. މިކަމުގައި އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ނަމޫނާ ދައްކަންޖެހޭ.“ އޭނާ ވިދާޅުވިއެވެ.
މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާއިލާގެ ބޭފުޅުންނަށް އާސިއާން ޤައުމުތަކުން ލިބެން އޮންނަ މެޑިކަލް އިންޝުއަރެންސް މެދުކަނޑާލަން ޖެހޭ ކަމަށާއި، އާންމު ރައްޔިތުންނަށް ނުލިބޭ މެޑިކަލް އިންޝުއަރެންސެއް ދައުލަތުން ހަރަދުކޮށްގެން މެމްބަރުންނަށް ލިބެން ނުޖެހޭ ކަމަށް އަޒާން ވިދާޅުވިއެވެ.
ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވެސް ވިދާޅުވީ، ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރައީސް މުއިއްޒު ފައްޓަވާފައިވާ ގައުމީ މަސައްކަތައް އެއްބާރުލުން ދިނުމުގެ ގޮތުން މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް މިހާރުން މިހާރަށް ކަނޑާލައި ދިވެހި ރައްޔިތުންނަށް އެކަނި އާސަންދަ ލިބޭގޮތައް ބަދަލު ކުރަން އޭނާ ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ.

މެމްބަރުންގެ އިންޝޫރަންސް ފައިސާ މިހާރުވަނީ ދައްކާ ޚަލާސްކޮށްފައި. ލިބޭ މުސާރައިން ދެންފަހަރަކު ދައްކާ.