ޝަރީއަތް ނިމެންދެން ކ. މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު މިއަދު ނިޔާވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ ޖަލުގައި ނިޔާވީ ށ. ފުނަދޫ ޒަމާނީވިލާ މުހައްމަދު ޖަމީލު ކަމަށެވެ. އޭނާގެ އުމުރުން 45 އަހަރެވެ.
އޭނާ އަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.
ޖަމީލަކީ ނަފުސާނީ ބައްޔަކަށް ފަރުވާ ވެސް ކުރަމުން އައި މީހެކެވެ.
ކަރެކްޝަންސް އިން ބުނީ އޭނާ ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ވަނީ ސީޕީއާރް ދީފައި ކަމަށެވެ.
އަދި އެއްވެސް ބަދަލެއް ނައުމާ ގުޅިގެން މެންދުރު، 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފެށުނު ކަމަށެވެ.
ހިތް ހުއްޓިގެން ޖަމީލު ނިޔާވީ ކަމަށް ކަނޑައެޅީ މެންދުރު 12:45 ގައެވެ.
