ކ.މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މިއަދު ނިޔާވި، ށ.ފުނަދޫ މުހައްމަދު ޖަމީލުގެ މަރުގެ މައްސަލައިގެ ތަހުގީގަށް އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އަންގަވާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން މިރޭ ވިދާޅުވެއްޖެއެވެ.
ޖަމީލު ނިޔާވިއިރު، އުމުރަކީ 45 އަހަރެވެ. އޭނާއަށް ޖަލު އޮފިސަރުން އަނިޔާކޮށް މަރާލީ ކަމަށް އާއިލާ އިން ތުހުމަތު ކުރެއެވެ.
ހޯމް މިނިސްޓަރު އަލީ އިހްސާން އެކްސްގައި ޕޯސްޓެއް ކުރައްވައި، މިރޭ ވިދާޅުވީ ގޮޅީގެ ސީސީޓީވީ ފްޓޭޖުން ފެންނަ ގޮތުގައި ޖަމީލު އެންމެ ފަހުން ހުރީ ނަމާދު ކުރަން ކަމަށާއި އޭނާ ނިޔާވީ ސަޖިދާ ގައި އޮއްވާ ކަމަށެވެ.
ޖަލުގައި މީހަކު މަރުވެއްޖެނަމަ އުސޫލަކީ ތަހުގީގު ކުރުން ކަމަށާ އެކަން ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރުސީއެމް) އިން ވެސް އެކަން ބަލާ ކަމަށް ވެސް ވިދާޅުވިއެވެ.
ޖަމީލަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.
ިމި މައްސަލައިގައި ކަރެކްޝަންސްއިން ބުނީ، ޖަމީލު ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދިން ކަމަށެވެ.
ނަމަވެސް، އެއްވެސް ބަދަލެއް ނައުމުން، މިއަދު 12:13 ހާއިރު މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދެވުނު ކަމަށެވެ.
އަދި 12:45 ގައި ޑޮކްޓަރު ވަނީ ޖަމީލުގެ ހިތް ހުއްޓިގެން މަރުވި ކަމަށް ކަނޑައަޅާފައި ކަމަށް ކަރެކްޝަންސް އިން ކުރިން ބުންޏެވެ.
ކަރެކްޝަންސްއިން ބުނީ ޖަމީލު ނިޔާވުމުން، ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާ ކަމަށެވެ.
