ދިވެހީންނަކީ އަބަދުވެސް ފަލަސްތީނާއިއެކުގައި ތިބި ބައެކެވެ. އިޒްރޭލުގެ ައަނިޔާވެރިކަން އިތުރު ކުރާ ކޮންމެ ފަހަރަކު، ދިވެހީން ހަރު އަޑުން ގޮވައިލަނީ، ފަލަސްތީނުގެ މިނިވަންކަމަށެވެ. އެތައް އެއްވުމެއް ބާއްވައި، މީސްމީޑިއާގައި ވެސް ފަލަސްތީނުގެ ހައްގުގައި އަޑު އުފުލައެވެ. ފަލަސްތީނަށްޓަކައި މާލީ ގޮތުން އެހީތެރިކަން ދިނުމުގައި ވެސް ދިވެހީންނަކީ ނަމޫނާ ބައެކެވެ.
ދިވެހީން ހަދިޔާ ކުރާ ފައިސާ އިން، ޚިދުމަތް ޖަމުއިއްޔާގެ ފަރާތުން ވެސް ޣައްޒާގައި ދިރިއުޅޭ ރައްޔިތުންނަށް އެތައް ގޮތަކުން އެހީތެރިވަމުންދެއެވެ.
ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކަށް ފަސް ޖެހުމެއް ނެތި، އެ ޖަމުއިއްޔާ އިން ދަނީ، ޣައްޒާގެ ރައްޔިތުންނަށް މި ދަނޑިވަޅުގައި ބޭނުންވާނެ ބޯފެނާއި ކާބޯތަކެތި ވެސް ފޯރުކޮށްދެމުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 07 ވަނަ ދުވަހު، ޔަހޫދީންގެ ހަމަލާތަކުން ޣައްޒާ ސުންނާފަތި ކުރަމުންދިޔައިރު، އެތައް މިސްކިތެއް ވަނީ ބިމާ ހަމަކޮށްފައެވެ. ޚިދުމަތް ޖަމުއިއްޔާ އިން ވަނީ ޣައްޒާގައި ވަގުތީ ދެ މިސްކިތް އަޅައިފައެވެ. އެއީ ވެސް ދިވެހީންގެ ދީލަތި އެހީއެވެ. އަދި ތިންވަނަ ވަގުތީ މިސްކިތުގެ މަސައްކަތް ވެސް، ވަރަށް ބާރަށް ދަނީ ކުރިއަށެވެ.
އެ ޖަމުއިއްޔާ އިން މިއަދު ބުނީ، ޣައްޒާގެ ހިތާމަވެރި އަދި ބިރުވެރި ޙާލަތުގެ ތެރޭގައި، އެ ޖަމުއިއްޔާ އިން ދަނީ ހުއްޓުމެއްނެތި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ކަމަށެވެ.
އެގޮތުން ވޭތުވެދިޔަ ހަފްތާގައި އެކަނިވެސް ޣައްޒާ އަދި ޚާންޔޫނިސްގައި ތިން ފެންލޮރީ ބެހުމާއި، ވަގުތީ ދެ މިސްކިތް ބިނާކޮށްދިނުމާއި، ފުޑް ޕެކޭޖްތައް ފޯރުކޮށްދިނުން ހިމެނެއެވެ.
”މީގެ އިތުރުން ޣައްޒާގައި ބަދިގެއެއް ހަދައި ކެއްކުމަށްފަހު މިހާރުވެސް ކޮންމެ ދުވަހަކު މިދަނީ 100 އާއި 300 ދެމެދުގެ މީހުންނާއި ކުޑަކުދިންނަށް ހޮޓްމީލް ބަހަމުން.“ ޚިދުމަތް ޖަމުއިއްޔާ އިން ބުންޏެވެ.
މިދަތި އުނދަގޫ ވަގުތުތަކުގައިވެސް ހީވެސް ނުކުރާ ފަދަ ގޮންޖެހުންތަކާއި އުނދަގޫތައް ތަޙައްމަލް ކުރަން ޖެހިފައިވާ ޢާއިލާތަކަށް ކާބޯތަކެތީގެ ޒަރޫރީ ޕެކޭޖުތައް ބެހިގެން ދިޔައީ ޣައްޒާގެ ރައްޔިތުންގެ ހާލަތާއިމެދު ހަމްދަރުދީވާ ހާލުގައި ކަމަށް އެ ޖަމުއިއްޔާއިން ބުނެއެވެ.
”މިއީ ތިޔަލޮބުވެތި ރައްޔިތުންގެ ދީލަތި އެހީއެވެ. އަޅުގަނޑުމެންނާއި ހަވާލުކޮށްފައިވާ އަމާނާތެވެ.
ޚިދުމަތް ޖަމުއިއްޔާ އިން ބުނީ، އެހީގެ ކޮންމެ ޕެކޭޖެއް ވެސް ރަމްޒު ކޮށްދެނީ، ދިވެހީން ޣައްޒާގެ ރައްޔިތުންނާއިއެކުގައި ތިބިކަމާއި، އެއްބައިވަންތަކަމާއި އުއްމީދުގެ މެސެޖު ކަމަށެވެ.
އިޒްރޭލުން މިދިޔަ އަހަރު ފަހުކޮޅު ދޭން ފެށި ހަމަލާތަކުގައި ޣައްޒާ އިން 37000 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ޝަހީދުކޮށްލި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާ ކުޑަކުދިންނެވެ. ފަލަސްތީނަށް އެހީވުމަށް މި ދަނޑިވަޅުގައި ކުރެވޭނެ އެންމެ މުހިންމު ކަމަކީ ޖަލެއްގެ ގޮތަށް އެތައް ބަޔަކު ސިފަ ކުރާ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުއްދައިދިނުމަށް އެމީހަކަށް ވެވުނު މިންވަރަކުން އެހީވުމެވެ. ޙާލުގައި ޖެހިފައިވާ މުސްލިމަކަށް އެހީތެރިވުމަކީ ނުހަނު ގިނަ ދަރުމައާއި ސަވާބު ލިބެނިވި ކަމެކެވެ.