މިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތައް މިއަހަރުގެ މެއި މަހާ އަޅާ ބަލާއިރު މަދުވެއްޖެއެވެ.
ފުލުހުންގެ ޖޫންމަހުގެ ތަފާސްހިސާބު ދައްކާގޮތުން އެ މަހުގެތެރޭގައި ވައްކަމުގެބ315 މައްސަލަ ވަނީ ހުށަހަޅާފައެވެ. އަދި ފޭރުމުގެ 29 މައްސަލައެއް ހުށަހަޅާފައިވެއެވެ.
މިއަހަރުގެ މެއި މަހު ފުލުހުންނަށް ހުށަހަޅާފައިވަނީ ވައްކަމުގެ 335 މައްސަލައެވެ. އަދި ފޭރުމުގެ 50 މައްސަލަ ހުށަހަޅާފައިވެއެވެ.
ވައްކަމާއި ފޭރުމުގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައިވާ މިންވަރު ދަށްވެފައިވާކަން ފާހަގަކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ޖޫންމަހު ވައްކަމާއި ފޭރުމުގެ މައްސަލަތައް ހުށަހަޅާފައިވާ މިންވަރު ދަށްވެފައިވުމަކީ ކުށްކުރުން މަދުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށެވެ.
ޖޫންމަހުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓް މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓްތަކުގެ 212 މައްސަލަ ހުށަހަޅާފައިވާއިރު މަސްތުވާތަކެތީގެ 175 މައްސަލަ ހުށަހަޅާފައިވެއެވެ.
