ޤައުމަށް ހެޔޮވަރުވަރަށް ޤައުމުގެ ނިޒާމު ބައްޓަންކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ޕީ.އެން.ސީ ޖަގަހައިގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ ސިޔާސީ ދުސްތޫރީ ނިޒާމް ބައްޓަންވެފައި އޮންނަގޮތުން ވަރަށް ގިނަ އިންތިޚާބުތައް ރާއްޖޭގައި އޮންނަކަމަށެވެ. އަދި އިންތިޚާބުތަކަކީ ޚަރަދު ބޮޑުކަމެއްކަމުގައި ފާހަގަކުރައްވައި، އެކަން ރައްޔިތުންނަށް އެންމެ ފައިދާހުރި، ފަސޭހަ، އަދި އެންމެ ދެކޮޅުޖެހޭނެ ގޮތެއްގައި ޒިންމާދާރުކޮށް ކުރިއަށް ގެންދެވޭނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި ކުރިއަށް ގެންދިއުމުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ދެ އިންތިޚާބު އެކުގައި ބޭއްވުމުން 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމުގައި ވިދާޅުވެ، އެކަން ކުރުމަށްޓަކައި ޤާނޫނަށް ގެންނަށްޖެހޭ އިސްލާޙުތައް ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމަނިކުފާނު ނިންމަވާފައިވާކަމުގައި ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޅި ޤައުމުގެ ކަންކަން ހިންގުމަށް ދައުލަތުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ހޮވަނީ އެންމެ މީހެއް ކަމަށެވެ.
އެހެންކަމުން ރަށެއްގެ ރައްޔިތުންގެ ކަންކަން ހުށަހެޅުމަށްވެސް ކައުންސިލްތަކުގައި މާގިނަ މީހުން ތިބުމަކީ ވަރަށް ޚަރަދު ބޮޑުކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ރައްޔިތުންގެ ފަރާތުން ކަންކަން ހުށަހެޅުމަށް ކައުންސިލްގެ ރައީސްއަކާއި ނައިބު ރައީސްއެއް ތިބުމުން އާބާދީގެ ގޮތުން ކުޑަ ރަށްތަކަށް ފުދޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު އާބާދީ ގޮތުން އެއަށް ވުރެ ބޮޑު ރަށްރަށަށާއި ސިޓީ ކައުންސިލް ތަކަށް އެއަށްވުރެ ގިނަ މެންބަރުން ހަމަޖެއްސުމުން ރައްޔިތުންގެ ވިންދާއި އެންމެ ގުޅޭ އެކަށީގެންވާ އަދި ސައިޒުންވެސް އެންމެ ރަނގަޅު މިންވަރަކަށް ވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ކައުންސިލްތަކަށް މި އިސްލާހު ގެނައުމަށްވެސް ހުށަހަޅުއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މިކަމުގެ ސަބަބުންވެސް އެތައް ފައިސާއެއް ސަލާމަތް ކުރެވޭނެކަމުގައި ފާހަގަކުރައްވައި އެ ފައިސާއިން ރައްޔިތުންނަށް ހަޤީޤީ މާނާގައި ތަރައްޤީގެނައުމަށް މަގުފަހިކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އަތޮޅު ކައުންސިލް އުފައްދާ ގޮތްވެސް ބަދަލުކޮށް އެކަންވެސް ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ކުރުމަށް ނިންމަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސައިޒުވެސް 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮތްވަރަށް 77 ވުރެ ގިނަ ނުވާ މިންގަނޑެއްގައި ހިފެހެއްޓުމަށް ޤާނޫނަށް އިސްލާހު ގެނައުމަށް ނިންމަވާފައިވާކަމަށެވެ.
އަދި އެކަމުގެ ސަބަބުން ޤައުމުގެ ރިކަރަންޓް ބަޖެޓުން ރައްޔިތުންގެ މަޖިލީހަށް ކުރަންޖެހޭ ޚަރަދުވެސް ވަރަށް ބޮޑުތަނުން ކުޑަވެގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުން އުފައްދަވާފައި ހުރި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ކުރަންޖެހޭ ކަންކަންވެސް ކުރައްވާނެކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އަދި އެކަމަށްވެސް ޤާނޫނީ އިސްލާހު ގެނައުމަށް ހުށަހަޅުއްވާނެކަން އެމަނިކުފާނު ވަނީ ރޭ ހާމަކުރައްވާފައެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން ގެއްލިފައިވާ ފައިސާވެސް ހޯދަންޖެހޭކަމަށެވެ.
އެގޮތުން، ކޮރަޕްޝަންގެ އަމަލު ހިންގައިގެން ރައްޔިތުންގެ ފައިސާއިން ކޮށްފައިވާ ވައްކަންތައް ހަޤީޤީ އިޚްލާސްތެރި ގޮތެއްގައި ބަލައި އެ އެސެޓްތައް ރިކަވަރ ކުރެވެންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެކަމަށްޓަކައި އެސެޓް ރިކަވަރީ ޤާނޫނެއް މަޖިލީހަށް ހުށަހަޅުއްވާނެކަން ފާހަގަކުރެއްވިއެވެ. އަދި މިހުރިހާ ކަމަކުން ރާއްޖޭގެ ބަޖެޓުގެ ޚަރަދުތައް ކުޑަކުރެވި، އެކަމުގެ އުފާ ފާގަތިކަން ރައްޔިތުންނަށް ލިބޭނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
