އެއްވެސް ދަރިވަރެއްގެ ކިޔެވުމަށް ބުރޫއަރާނެފަދަ ކަމެއް ވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފިއެވެ.

މި ޔަގީންކަން ސަރުކާރުން ދިންއިރު، ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް ޑޮލަރު ލިބުން ދަތިވެ ގިނަ ބަޔަކު ތަކްލީފުތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެ، އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ކުއްލި މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްއެވެ.

ނާޒިލް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، ފައިސާ ނުލިބުމުގެ ސަބަބުން ދަރިވަރުން މަގުމަތިވުމުގެ ބިރު ހީވެފައިވާ ކަމަށެވެ.

މިރޭ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ސަރުކާރުން އެހީ ފޯރުކޮށްދީގެން، ރާއްޖެ އާއި ރާއްޖޭން ބޭރުގައި 2163 ދަރިވަރަކު މި ވަގުތު ކިޔަވަމުންދާއިރު، ދަރިވަރުންގެ ކޯސްފީއާއި ލިވިންގ އެލައުންސާއި އެހެނިހެން ޚަރަދުތައް ހަމަޖެހިފައިވާ އުޞޫލުން، ކަނޑައެޅިފައިވާ މުއްދަތައް ބަރާބަރަށް، ދެއްކުމަކީ އެ މިނިސްޓްރީން އަބަދުމެ ކުރަމުން އަންނަކަމެއް ކަމަށެވެ.

ނަމަވެސް ބައެއްފަހަރު ބައެއް ޕޭމަންޓްތައް ޖަމާވުމުގައި ލަސްތަކެއްވާކަމަށާއި، އެއީ މިއަދު އެކަނިވާބކަމެއް ނޫން ކަމަށެވެ.

”މީގެ ކުރިން ވެސް މިފަދަ ހާލަތްތައް މެދުވެރިވެފައި އެބަހުއްޓެވެ. އާއްމުކޮށް ޕޭމަންޓްތައް ލަސްވުމުގައި ދިމާވާ މައިގަނޑު ސަބަބަކީ ކަނޑައެޅިފައިވާ ވަގުތަށް، މި މިނިސްޓްރީއަށް ލިބެންޖެހޭ ލިޔެކިއުންތައް ލަހުން ލިބުމާއި ދަރިވަރު ކިޔަވަމުން ދާކަން، ޔުނިވަރސިޓީން ނުވަތަ ކޮލެޖުން ކަށަވަރު ކުރުމުގައި ނަގާ ވަގުތެވެ. ކަންމިހެން ހުރުމާއެކު، މި މިނިސްޓްރީން މަސައްކަތް ކުރަމުން މިދަނީ ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ މިފަދަ ހިދުމަތްތަށް އޮޓެމޭޓްކޮށް، ކުދިން ކިޔަވަމުންދާކަން ވެރިފައިކުރަން އޮންނަ ޕްރޮސެސް، މިއަށްވުރެ ހަލުވިކޮށް، އެކުދިންނަށް ދެވޭ ހިދުމަތުގެ އެފިޝެންސީ އިތުރުކުރެވޭނެ ގޮތްތަށް ހޯދަމުންނެވެ.“ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ އެންމެހައި ދަރިވަރުންނަށް، ދޭންއޮތް ޔަގީންކަމަކީ އެއްވެސް ދަރިވަރެއްގެ ކިޔެވުމަށް ބުރޫއަރާފަދަ ކަމެއް މެދިވެރިވިޔަ ނުދިމުނަށް، ކުރެވެންއޮތް ކޮންމެކަމެއް ދިވެހިސަރުކާރުން ކުރާނެކަމަށް ބުނެފައެވެ

”ސަރުކާރުން އަބަދުވެސް އިސްކަންދޭނީ ދިވެހި ދަރިން ހެއުގޮތުގައި ބިނާކޮށް، މި ޤައުމު އާރާސްތުކުރުމުގައި އެ ދަރިންގެ ޙިއްޞާ އިތުރު ކުރުމެވެ.“ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ދަރިން ބިނާކުރުމުގެ މި ފަދަ ޤައުމީ އަދި މުހިއްމު މަސައްކަތަކާއި ގުޅުވައިގެން، ޙަޤީޤަތް އޮޅޭފަދަ ގޮތަކަށް، ރާއްޖޭގެ ބައެއް މީޑިއާތަކުން ޚަބަރުތައް ގެނެސްދިނުމަކީ އެ މިނިސްޓްރީން އެކަމާ ކަންބޮޑުވެ، ހިތާމަ ކުރާކަމެއްކަން ފާހަގަކޮށް މިނސްޓްރީގެ އިލްތިމާސަކީ ދަރިވަރުންގެ ކަންކަމާއި ގުޅުވައިގެން ޢާންމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށް، ޚަބަރު ފަތުރާ ވަސީލަތްތަކުން ޢަމަލު ނުކުރުން ކަމަށް ވަނީ ބުނެފައެވެ.

އަދި ޙަޤީޤަތް އޮޅޭގޮތަށް ގެނެސްދެވޭ ޚަބަރަކުން، ކުރާނެ މަންފާއެއް ނޯންނާނެ ކަމުގައި ވެސް ހަޔަރ އެޑިއުކޭޝަނުން ބުންޏެވެ.