ޤައުމެއްގެ ކުރިއެރުމާ ކާމިޔާބީ ދެމެހެއްޓުމަށްޓަކައި، ނަޒާހަތްތެރިކަމާ އަމާނާތްތެރިކަން ވަރަށް މުހިންމުކަމަށް ނައިބު ރައީީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށާ އެކޮމިޝަނުގެ ”ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމަންޓް ޓޫލްކިޓުގެ ޑިޖިޓައިޒް ޕްލެޓްފޯމް“ ރަސްމީކޮށް އިފުތިތާޙްކުރުމުގެ ގޮތުން ރޭ ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްގީ ހުއްޓި، ފުދުންތެރިކަން ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ކޮރަޕްޝަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ފަށްޓަވާފައިވާކަން ފާހަގަކުރެއްވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، މަޤާމުގެ ހުވައިކުރައްވައި ދެއްވި ފުރަތަމަ ރިޔާސީ ތަޤްރީރުގައި، މިދިޔަ އަހަރުގެ ނޮވެންބަރުމަހު 17 ވަނަ ދުވަހު ރައްޔިތުންނަށް ދެއްވި އެންމެ ބޮޑު އެއް ޔަގީންކަމަކީ އެދުވަހުން ފެށިގެން ސަރުކާރުން ޝަރީޢަތްތަކަށް ނުފޫޒު ފޯރުވުން މުޅީން ހުއްޓުނީކަން ފާހަގަކުރައްވައި މިއީ ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރެއްވުމަށް އެމަނިކުފާނު އެޅުއްވި މުހިންމު ފިޔަވަޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޮރަޕްޝަނަށް މަގުފަހިވާ މައްސަލަތަކަށް ތަޙްޤީޤްކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން އިސްކަންދެއްވާ ފަދައިން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތަށާ އަދި ޚާއްސަކޮށް ސްކޫލުކުދިންނަށް އަމާޒުކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ހިންގެވުމަށް އިސްކަންދެއްވުމަށް ވެސް އެކޮމިޝަނުގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.
މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ”ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމަންޓް ޓޫލްކިޓުގެ ޑިޖިޓައިޒް ޕްލެޓްފޯމް“ އިފުތިތާޙް ކޮށްދެއްވާފައެވެ.
އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ޚިދުމަތްކުރާތާ 30 އަހަރުވެފައިވާ ދެ މުވައްޒަފަކަށް އެކޮމިޝަނުގެ ފަރާތުން ދެއްވި ”ސަރވިސް އެވޯޑް“ އެ ދެބޭފުޅުންނާ ހަވާލުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

