އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) އަށް އެމްޑީޕީގެ މާލޭ ސިޓީގެ ރައީސްގެ މަގާމަށް ވާދަކުރުމުގެ ފުރުސަތު ނުދިނުމަށް ނިންމައި، އޭނާއަށް އެކަން އަންގައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރަކަށް މޫސާ ހުންނެވި އިރު، އެމްޑީޕީން ނެރުނު ވިޕްލައިނަކާ ހިލާފަށް ވޯޓު ދެއްވި ކަމަށް ބުނެ އެ ޕާޓީން އޭނާ ވަކިކުރިއެވެ.
މޫސާ އަލުން އެ ޕާޓީއަށް ވަދެވަޑައިގެންފިނަމަ، އެ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހަށް އެމްޑީޕީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވެސް ވާދަނުކުރެވޭ ގޮތަށް ނިންމައި އެކަން ވެސް އޭނާއަށް އެމްޑީޕީން ވަނީ މީގެ ކުރިން އަންގައިފައެވެ.
މޫސަ ވަނީ އެކަން އިސްތިއުނާފު ކުރުމަށް ހުށަހަޅައިފައެވެ. ނަމަވެސް އެ ނިންމުމަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށް އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރު މަޖިލީހުން ވަނީ ނިންމައިފައެވެ.

