ގަލޮޅުކަންމަތީގައި އޮތް ވޭނެއްގައި އެއްޗެއް ގޮވާ އަޑު އިވިފައިވަނީ، ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށް ބެލެވޭ ކަމަށާއި، ނުރައްކާތެރި އެއްޗެއް ގޮވި ކަމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވިއިރު، ސިފައިން ހަރަކާތްތެރިވަމުން ގޮސްފައި ވަނީ ހަތިޔާރާއި އެކުގައެވެ.

ހުދު ކުލައިގެ ވޭނެއްގައި އެއްޗެއް ގޮވި ކަހަލަ ބާރު އަޑެއް އިވިގެން އެ ސަރަހައްދު ބަންދުކޮށް ސިފައިިންނާއި ފުލުހުން ވަނު ހަރަކާތްތެރިވެފައެވެ.

އެމްއެންޑީއެފްގެ އޮފިޝަލަކު ކުރިން ވިދާޅުވީ، ގަލޮޅު ކަންމަތީގައި ޕާކްކޮށްފައި އޮތް ވޭނެއްގައި އެއްޗެއް ގޮވިކަމުގެ ރިޕޯޓް ލިބުމުން މިފަަދަ ކަންކަމުގައި އަމަލު ކުރަމުން އަންނަ އުސޫލާއި އެއްގޮތަށް ކަންކަން ކުރަމުން ގޮސްފައިވާ ކަަމަށެވެ.

ފަހުން ބުނީ، މިއީ ގޮވާއެއްޗެއްގެ ސަބަބުން ހިނގި ކަމެއް ނޫންކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށާއި، ނުރައްކަލެއް ނެތްކަން ކަށަވަރު ކުރެވުމާއިއެކު، ސީން ވެސް ފުލުހުންނާ ހަވާލު ކުރެވިފައިވާ ކަމަށެވެ.

”އަދި މިކަން ހިނގާފައި ވަނީ ވެހިކަލްގެ ޓެކްނިކަލް މައްސަލައަކުން ކަމަށް ބެލެވޭތީ، އެކަންކަން ދަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލަމުން.“ އެމްއެންޑީއެފް އިން ބުންޏެވެ.