ވާހަކަ އުފައްދައިގެން ވާހަކަ ފެތުރުމަކީ ނުބައިކަން ބޮޑު ކަމެއް ކަމަށް ޝެއިޚު ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ސަރުކާރުގެ ހަރަދު ބޮޑު ނޫން ކަމަށާއި، ހަރަދު ބޮޑީ ރައްޔިތުންގެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށް ލިޔެފައިވާ ސުރުހީއެއްގެ ސްކްރީންޝޮޓް ހިއްސާ ކުރައްވަމުންނެވެ. އެއީ ޗެނަލް13ގެ ”ތޭރައޮންލައިން“ ވެބްސައިޓުކަން އެނގެއެވެ.
ހަރަދު ބޮޑީ ރައްޔިތުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށް ސުރުހީގައި ލިޔެފައި އޮތްއިރު، ޚަބަރުގައި އޮތީ، ރައީސް ވިދާޅުވި ވާހަކަފުޅުން އެގޮތަށް ދޭހަވި ކަމަށެވެ.

ޒައިދު ވިދާޅުވީ، މީހުން ނުބުނާ ވާހަކަ، ބުންޏޭ ކިޔައިގެން ފެތުރުމަކީ މިހާރު ވަރަށް ބޮޑަށް އާއްމުވެފައިވާ ކަމެއް ކަމަށެވެ. މިފަދަ ކަންކަން ވިސްނައި، އިސްލާހު ކުރަންޖެހޭ ކަމަށް ވެސް ޝެއިހު ވިދާޅުވިއެވެ. މިފަދައިން ޚަބަރުތައް ފެތުރުމަކީ ކޮންކަހަލަ ނޫސްވެރިކަމެއްތޯ ޝެއިޚް ވަނީ ސުވާލު ކުރައްވައިފައެވެ.

