ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އުފައްދާފައިވާ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭސަން(އެމްއެމްޕީއާރްސީ) ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، ބައްސާމް އާދަމް، މަޤާމުން އިސްތިއުފާ ދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ހަރަދު ކުޑަ ކުރުމުގެ ސިޔާސަތަށް އިހްތިރާމް ކުރާ ހާލުގައި ކަމަށް ބައްސާމް ވިދާޅުވެއްޖެއެވެ.
ބައްސާމް މިކަން ހާމަކުރެއްވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ބައްސާމް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ޑީއެމްޑީގެ ގޮތުގައި ހުންނަވަން ލިބިވަޑައިގަތުމަކީ ޝަރަފެއް ކަމަށާއި، އެ ކުންފުނީގައި މަސައްކަތްކުރެއްވީ މުވައްޒަފުންގެ މަސައްކަތު މާހައުލާއި ދުޅަހެޔޮކަން އިތުރުކުރެއްވުމާއި ރާއްޖެ މާކެޓުކުރެއްވުމުގައި ކަމަށެވެ.
ބައްސާމް ވިދާޅުވީ، ކުރައްވަމުންދިޔަ މަސައްކަތްތަކުގެ ތެރޭގައި ބޭރު ގައުމުތަކުގެ އެކި ފަރާތްތަކާއި އެކު ގުޅުން ބަދަހިކުރުން ހިމެނޭކަމަށެވެ.
އަދި އެމްއެމްޕީއާރްސީއަށް ދަތި ދުވަސްވަރެއްގައި، އެ ކުންފުނި ހިންގުމުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި، އޭނާ ވަނީ ރައީސް މުއިއްޒުއަށް ޝުކުރު އަދާ ކުރައްވައިފައެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމައިފައެވެ. އޭގެތެރޭގައި، ސިޔާސީ މަގާމުތައް މަދު ކުރުން ވެސް ހިމެނެއެވެ.

