މިއަދު ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ހަމައެކަނި ކުރަން އެނގޭ ކަމަކީ ރައްޔިތުންނަށް އޮޅުވާލައި، ސަރުކާރާމެދުގައި ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުން ކަމަށާއި ރައީސް ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންގެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަފޫ ހާމިދު ވިދާޅުވެއްޖެއެވެ.
ހައުސް އޮފް ޕީއެންސީގައި މިރޭ ބޭއްވި ހަރުގެ ޖަލްސާގައި އަފޫ ވިދާޅުވީ، މި ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ކުރަން އެނގޭ ކަމަކީ ”ރޯ ބުހުތާނު ދޮގު ހެދުން“ ކަމަށެވެ.
”ގައުމު ހަލަބޮލި ކުރުމުގެ މަސައްކަތް އެކަނި. ރޯ ބުހުތާނު ދޮގު ހެދުމުގެ މަސައްކަތް އެކަނި.“ އަފޫ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނޫސްތަކުގެ ފަލަ ސުރުހީން ފެންނަނީ، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް މުލީއާގެއިން ފައިސާ ދޫކުރާ ކަމަށް ބުނެ، ފަތުރާ ވާހަކަތަކެއް ކަމަށެވެ. އަފޫ ވިދާޅުވީ މުލީއާގޭގައި ޗޮކްލެޓް ފެކްޓްރީ ހަދައިގެން އުޅޭ ފަރާތްތަކަށް އެހެން ހީވެދާނެ ކަމަށެވެ.
”އެހެންނަމަވެސް، ދިވެހި ރައްޔިތުން ގަބޫލު ކުރައްވާ، އަދުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު އަކީ ދިވެހިންގެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިގަންނަވާނެ ލީޑަރެއް ނޫން.“ އޭނާ ވިދާޅުވިއެވެ.
އަފޫ ވިދާޅުވީ، ވަޒީރުންގެ މަޖިލީހާއި، ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ރެއާ ދުވާލު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ގައުމު ވެއްޓިފައިވާ އަނދަވަޅުން ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް ކަމަށެވެ.

