ރާއްޖެ-އެމެރިކާގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކައުންސިލުގެ ތިންވަނަ ބައްދަލުވުން ބާއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރޭ ބުނީ އެ ބައްދަލުވުން ބާއްވާފައިވަނީ، މިދިޔަ  ބުދަ ދުވަހު އެމެރިކާގެ ވޮޝިޓަންގައި ކަމަށެވެ.

އެ ބައްދަލުވުމުގެ ކޯ ޗެއާކަން ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކަމަށާއި އެ ބައްދަލުވުމުގައި އެމެރިކާއިން ދެކުނު އަދި ސެންޓްރަލް އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނެވި އެސިސްޓެންޓް ޓްރޭޑް ރިޕްރެސެންޓޭޓިވް ބްރެންޑަން ލިންޗްގެ އިތުރުން ރާއްޖެއާއި އެމެރިކާ ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވަނީ ދިވެހި ސަރުކާރުގެ އިގުތިސާދީ ތަސައްވަރު ހުށަހަޅުއްވައި އެކަމަށް އެމެރިކާ ސަރުކާރުގެ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ.

މިނިސްޓަރު ސައީދު ވަނީ ބައިނަލްއަގުވާމީ ކޮމާޝަލް ޕްލެޓްފޯމްތަކާއި ޕޭމަންޓް ސިސްޓަމް ސޮލިއުޝަންތަކުގެ ފައިދާ ހޯދުމަށް ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުންނާއި އާޓިސްޓުންނާއި ވިޔަފާރިވެރިންނަށް އެމެރިކާއިން ދެވެންހުރި އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން މަސައްކަތްތެރިންގެ ހައްގުތަކާއި ޑިޖިޓަލް ވިޔަފާރި އާއި ތިމާވެށީގެ ދާއިރާއިން ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުން އިތުރުކުރުމަށް ވެސް މަޝްވަރާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އެމެރިކާއާއި ރާއްޖެއިން ވަނީ ރާއްޖެއިން ގެންނަމުންދާ އިގުތިސާދީ އިސްލާހީ ފިޔަވަޅުތަކާއި ވިޔާފާރީގެ މާހައުލު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައި ކަމަށެވެ.