ނުއަގުގައި ދޯންޏެއް ހިފި ކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދިޔަ ވާހަކަތައް ފެނަކަ ކޯޕަރޭޝަނުން ދޮގުކޮށް، ކުންފުނީގެ ނަން ކިލަނބު ކުރަން ކުރާ މަސައްކަތްތަކަކީ ޣައިރު ޒިންމާދާރު ކަމެއްގެ ގޮތުގައި ސިފަކޮށްފިއެވެ.
އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުނިން އެކި ތާރީހުތަކުގައި ތަފާތު ބޭނުންތަކަށް ކޮށްފައިވާ މުއާމަލާތްތަކެއްގެ ލިޔެކިޔުންތަކުން ބައެއް ނަކަލުކޮށް، އެއީ އެއްކަމަކަށް ކޮށްފައިވާ އެއް މުއާމަލާތެއް ކަމަށް ދައްކަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފެނަކައިން ބުނީ، ކުންފުނީގެ ނަން ކިލަނބުކޮށްލަން ބަޔަކު މަސައްކަތް ކުރަނީ ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ޕްރޮކިއުމެންޓް މުއާމަލާތްތައް ހަރުދަނާކޮށް، ކުންފުންޏަށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، ކުންފުނިން ހިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ އިތުބާރު އަލުން ހޯދުމަށް ކުރާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.
ފިތުނަވެރި ވާހަކަތަކާއި އަޑުތައް ބޭނުންކޮށްގެން ކުންފުނީގެ ސާފުވަމުންދާ ނަން ކިލަނބު ކުރުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ ނާތަހުޒީބު މަސައްކަތްތަކަކީ ނިހާޔަތަށް ޣައިރު ޒިންމާދާރު އަދި މިނިވަން ނޫސްވެރިކަމުގެ ނިވަލުގައި ތިބެ، މުޖްތަމައު ފަސާދަ ކުރުމަށް ރޭވިގެން ހިންގާ ސިލްސިލާގެ ތެރެއިން ބޮޅެއް ކަމުގައި ވެސް ބަޔާނުގައި ވެއެވެ.
ފެނަކައަކީ ރާއްޖޭގެ 157 ރަށެއްގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏެއް ކަމަށާއި އެންމެ އަސާސީ ތަކެތިވެސް ރަށްރަށުން ލިބެން ނުހުންނައިރު، އަދި ރަނގަޅު ހިދުތަމެއް ފޯރުކޮށްދިނުމަށް މެދުކެނޑުމެއް ނެތި އެކި ތަކެތި މާލެއިން ފޮނުވަން ޖެހޭ ކަމަށެވެ.
އަދި އެއީ ކޮންމެ ދުވަހަކުވެސް އެކުންފުނިން ކުރަންޖެހޭ ކަމެއް ކަމަށް އެ ބަޔާނުގައި ވެއެވެ.
އެގޮތުން ފާއިތުވި ދުވަސްތަކުގެ ވަކި ވަކި ދަތުރުތަކަށް ދޯނިފަހަރު ނަގައި އެވަރެޖް ގޮތެއްގައި 7 މިލިއަން ރުފިޔާ މަހެއްގެ މައްޗަށް ހަމަޖައްސައި އެ ކަމުން ނާޖާއިޒް ފައިދާތަކެއް ބަޔަކު ނަގާފައި އޮތްއޮތުން ނިމުމަކަށް ގެނެސް ކުންފުންޏަށް އެންމެ ފައިދާ ހުރިގޮތަށް އެކަންކަން ކުރަމުންދާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
ފެނަކައިން ބުނީ، އެ ކުންފުނީގައި ކަނޑައަޅާފައިވާ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ކުންފުނީގެ އަދުގެ މެނޭޖްމެންޓުން އެކަން ހަރުދަނާ ކޮށް އިންތިޒާމު ކުރަމުންދާ ދިއުން، ކުރިން އެކަމުން ނާޖާއިޒް ފައިދާ ހޯދި އަދި ހޯދައިދިން ފަރާތްތަކަށް ދަތި އިހްސާސްތަކަކަށް ވުމަކީ މިފަދަ ފިތުނަ ފަސާދަ އުފެއްދުމުގެ މައިގަނޑު އެއް ސަބަބު ކަމަށެވެ.
ފެނަކަ އިން ވަނީ އެކި ފަރާތްތަކަށް ނާޖާއިޒު ގޮތުގައި ލިބެމުންދިޔަ އެތަކެއް ފައިދާތަކެއް ނިމުމަކަށް އައިސް، ކުރިއަށް އޮތް ތަނުގައި ވެސް ކުންފުންޏާއި ކުންފުނީގެ ވެރިންގެ ނަން ކިލަނބު ކުރުމުގެ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާނެތީ، އެފަދަ ފިތުނަ ފަސާދައަށް ސަމާލުވާން އެދިފައެވެ.

