ވިޔަފާރިއާއި އިންވެސްޓްމަންތައް އިތުރު ކުރުމާ ގުޅޭގޮތުން ޕެރޫ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހާވިއެރ މެނުއެލް ޕައުލިނިކް ވެލަރޑެ އާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަޝްވަރާ ކުރައްވައިފިއެވެ.
ައެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް މިއަދު ވަނީ އަރުވައިފައެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.
ޕެރޫގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.
އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ދެ ޤައުމުގެ އެކްސްޕޯޓާއި ވިޔަފާރިއާއި އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް މަގުފަހިކުރުން ހިމެނެއެވެ. އަދި ދިވެހިރާއްޖެއާއި ޕެރޫއަކީ ގްލޯބަލް ސައުތަށް ނިސްބަތްވާ ދެ ޤައުމު ކަމުގައިވާތީ، ޕެރޫއާ ގުޅިގެން އިތުރު މަސައްކަތްތައް ކުރެއްވުމުގެ ޝައުގުވެރިކަން ރައީސުލްޖުމްހޫރިއްޔާ ފާޅުކުރެއްވިއެވެ.
ދިވެހިރާއްޖެއާ ޕެރޫއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1989 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 06 ވަނަ ދުވަހުއެވެ.
ޕެރޫ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ޕެރޫ ސަފީރު ހުންނަވާނީ އިންޑިއާގެ ނިއުދިއްލީގައެވެ.

