އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ކޮލެޖުގައި ތަމްރީނެއް ފުރިހަމަ ކުރަމުން ދިޔަ ގިނަ ދަރިވަރުން ރޭ ކާނާ ވިހަވެގެން އެޑްމިޓް ކޮށްފައިވާއިރު، އައިސީޔޫގައި ފަރުވާ ދެމުންދާ ދެ ދަރިވަރުން ފިޔަވައި، އެހެން ދަރިވަރުން ދޫކޮށްލާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ރޭ ބުނީ، ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވަނީ އެނދުމަތިކޮށްފައި ކަމަށެވެ.
މިކަން ދިމާވި ފަސް ދަރިވަރަކު އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު، އެއް ދަރިވަރުގެ ހާލު ސީރިއަސް ކަމަށް ފުލުހުން ރޭ ބުންޏެެވެ. ނަމަވެސް، މިއަދު ފުލުހުން ވަނީ، އައިސީޔޫގައި ފަރުވާ ދެމުން އަންނަ ދެ ދަރިވަރުން ފިޔަވައި، އެހެން ދަރިވަރުން ދޫކޮށްލިކަން ހާމަކޮށްފައެވެ.
ފުލުހުން ބުނީ، 32 ދަރިވަރުން ހޮސްޕިޓަލުގައި އެޑްމިޓް ކުރި ކަމަށެވެ.
”ޝައްކު ކުރެވެނީ ކާނާ ވިހަވީކަމަށް. ފަރުވާ ދިނުމަށްފަހު ދަރިވަރުން މިހާރުދަނީ އަނބުރާ ކޮލެޖަށް ގެންދަމުން.“ ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބޭ ގޮތުގައި ކާނާ ވިހަވީ، ފުލުހުންގެ ބޭސިކް ޓްރޭނިން ހަދަމުން އަންނަ ގިނަ ދަރިވަރުންތަކެވެ. އެ ދަރިވަރުން ކާނާ ވިހަވީ ރޭގަނޑު ކެއުމަށް ފަހުގައެވެ.

